ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ އަދަދު އަދިވެސް އިތުރު ކުރަންވީކަމަށް ބުނެ ޕީއެންސީއަށް ނިސްބަތްވާ ބައެއް ބޭފުޅުން ވާހަކަ ދައްކަވާތީ އެކަމަށް ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ފާޑުވިދާޅުވެއްޖެއެވެ.

ޕީއެންއެފުން މިރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީންވަނީ ހަރަދު ކުޑަކުރުމަށް މި ސަރުކާރުން އަޅާ ފިޔަވަޅުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ޔާމީން ވިދާޅުވީ، ސަރުކާރު ތެރޭގައި ހުރި ބޭކާރު ހަރަދުތައް ކުޑަކުރުމަށް މަސައްކަތް ކުރުމަކީ ތާއީދު ކުރައްވާ ކަމެއްކަމަށެވެ. ނަމަވެސް، ސަރުކާރަށް ނިސްބަތްވާ އެކި ބޭފުޅުން އެކި ތަންތަނުގައި ވާހަކަ ދައްކަވާއިރު އަދިވެސް ދައްކަވަނީ ސިޔާސީ މަގާމުތައް އިތުރުކުރާ ވާހަކަ ކަމަށް ޔާމީން ވިދާޅުވިއެވެ.

އަދި އެގޮތަށް އުފައްދާ ސިޔާސީ މަގާމަކުން އާއިލާއެއްގެ ކަންކަން ހަމަޖެއްސުނު ކަމުގައިވިޔަސް، އޭނާއަށްދޭ ޓެކްސް ފައިސާއަކީ ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ހިދުމަތްތައް މެދުނުކެނޑި ދިނުމަށް ހަރަދު ކުރެވިދާނެ ފައިސާކަމަށް ޔާމީން ވިދާޅުވިއެވެ.

މިކަމުގެ މިސާލެއް ދައްކަވަމުން ޔާމީން ވަނީ ސްކޫލްތަކުގައި ހަރަދު ކުޑަކުރުމަށްކަމަށް ބުނެ ޕްރިންޓްކުރަން ބޭނުންވާ ކަރުދާސް ބެލެނިވެރިން ގެންގޮސްދޭން އެދެމުންދާކަމަށް މައުލޫމާތު ލިބިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. އަދި އައްޑޫ ސިޓީއަށް މިހާރު ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ފަދަ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށް އެ ފައިސާ ހަރަދު ކުރެވިދާނެކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

ޔާމީން މިހެން ވިދާޅުވެފައި މިވަނީ، މިފަހުން ޕީއެންސީން ބޭއްވި ޖަގަހަ ޖަލްސާއެއްގައި އޭދަފުށީ ދާއިރާގެ މަޖިލިސް މެންބަރު ރެޑްވޭވް ސަލީމް، ދެއްކެވި ވާހަކަތަކަކާއި ގުޅިގެންނެވެ. ސަލީމް ވިދާޅުވީ ރަނގަޅަށް ދައުލަތް ހިންގާނަމަ އަދިވެސް ސިޔާސީ މަގާމުތަކަށް އިތުރު މީހުން ނަގަންޖެހޭކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން