ސައިބަރ ކުށްތައް ތަހުގީގުކޮށް ދައުވާކުރުމުގައި އަމަލުކުރާނެ ކަންކަން ބަޔާންކުރާ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކީ ނުރައްކާތެރި ބިލެއްކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީއެންއެފުން މިރޭ ކުރިއަށް ގެންދިޔަ ޖަގަހަ ޖަލްސާގައި ޔާމީން ވިދާޅުވީ، ސައިބަރ ކްރައިމް ހުއްޓުވުމުގެ ނަމުގައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ ސަބަބުން ފުލުހުންނަށް ލިބެން ނުޖެހޭ ބާރުތަކެއް އެ ބިލް ފާސްވެއްޖެނަމަ ލިބިގެން ދާނެކަމަށެވެ.

އަދި މިހާރު ވެސް ފުލުހުން އަމަލު ކުރަމުންދަނީ ގާނޫނުތަކުން ލިބިދޭ ބާރާއި އެއްގޮތަށް ނޫންކަން ފާހަގަ ކުރައްވާ، ޔާމީން ވިދާޅުވީ، އެ ބިލް ފާސްވެއްޖެނަމަ ފުލުހުން ފްރޭމް ކުރަން ބޭނުންވާ ކޮންމެ މީހަކު ފްރޭމް ކުރުމުގެ ފުރުސަތު ލިބިގެން ދާނެކަމަށެވެ.

ސައިބަރ ކްރައިމް ބިލް ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާއިރު އެ ބިލުގެ މައިގަނޑު އެއް މަގުސަދުގެ ގޮތުގައި ހިމަނާފައިވަނީ، އިލެކްޓްރޯނިކް އާލާތްތައް ހެކްކޮށްގެން އެކިކަހަލަ ސްކޭމް ހިންގާ މީހުންނާ ދެކޮޅަށް ގާނޫނީ ގޮތުން ފިޔަވަޅު އެޅުމެވެ.

ސަރުކާރުން ބުނެފައިވަނީ ސަރުކާރުގެ ގާނޫނީ ނިޒާމު ޒަމާނީ ފެންވަރަށް ބަދަލުކޮށް، ޑިޖިޓަލް ޒަމާނުގައި އުފެދޭ އާބާވަތްތަކުގެ ކުށްތަކަށް އިޖާބަ ދިނުމަކީ ޖުމުލަ ގޮތެއްގައި މިބިލުގެ ބޭނުންކަމަށެވެ. މި ބިލަށް އެމްޑީޕީން ވެސް ވަނީ ތާއީދު ކުރާކަން ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން