ސިއްޙަތާ ބެހޭ ވަޒީރު ޑރ. ޢަބްދުالله ޚަލީލް
ސިއްޙަތާ ބެހޭ ވަޒީރު ޑރ. ޢަބްދުالله ޚަލީލް
ސިއްޙީ މަރުކަޒުތަކުގެ ޑިޒައިން ބަދަލުކޮށް ރީޑިޒައިން ކުރުމަށް މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށް ސިއްޙަތާ ބެހޭ ވަޒީރު ޑރ. ޢަބްދުالله ޚަލީލް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޑރ. ޚަލީލް ވިދާޅުވީ ރައްޔިތުން ބޭނުންވަނީ އަގުހެޔޮކޮށް ފެންވަރު ރަނގަޅު ޚިދުމަތް ކަމަށެވެ. ނަމަވެސް މީގެކުރިން ސިއްޙީ މަރުކަޒުތަކުގެ މަސައްކަތްތައް ޙަވާލުކޮށްފައިވަނީ ޚިދުމަތަށް ބެލުމަށްނެތި ޑިޒައިނަށް އިސްކަން ދީގެން ކަމަށް ވިދާޅުވެ ޚަލީލް ވަނީ ކަންބޮޑުވުން ފާޅުކުރަށްވާފައެވެ.

އެކަމުގެ ސަބަބުން ދަޢުލަތަށްވެސް ބުރަ ބޮޑުވެފައިވާ ކަމަށާއި އެހެން ކަމުން ސިއްޙީ މަރުކަޒުތަކުގެ ޑިޒައިން ބަދަލުކޮށް ރީޑިޒައިން ކުރުމަށް މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށް ޚަލީލް ވިދާޅުވިއެވެ. އަދި މިދިޔަ ސަރުކާރުން ބިނާ ކޮށްފައިވަނީ އޮފީސް ޢިމާރާތްތަކެއް ކަމަށާއި އެއީ ރައްޔިތުންނަށް އެންމެ ބޭނުންތެރިގޮތް ނޫން ކަމަށްވެސް ޚަލީލް ވިދާޅުވިއެވެ.

“ފޮއްދޫ ސިއްޙީ މަރުކަޒު ކޮންޓެކްޓަރާއި ޙަވާލުކޮށްފައިވާ އަގަކީ 24.8 މިލިއަން ރުފިޔާ. މިވަރުގެ ސިއްޙީ މަރުކަޒެއް ބިނާކުރުމަށް ވަރަށް ބޮޑު ޢަދަދަކަށް ވަތީ ރީޑިޒައިން ކުރުމުގެ މަސައްކަތްތައް ކުރިއަށް އެބަ ގެންދަން.” މިއަދުގެ މަޖިލީހުގެ ޖަލްސާގައި ޚަލީލް ވިދާޅުވިއެވެ.

ޚަލީލް ވިދާޅުވީ ސިއްޚީ މަރުކަޒުތައް ރީޑިޒައިން ކުރުމުން ރައްޔިތުންނަށް ލުއިފަސޭހަވެ ދަޢުލަތަށް އޮތް ބުރަވެސް ކުޑަވާނެ ކަމަށެވެ. އަދި ސިއްޙީ މަރުކަޒުތަކުގެ ކުރެހުންތައް ކުރަހާފައިވަނީ ޚިދުމަތާއި ނުބައްދަލުކޮށްކަން ޚަލީލް ފާހަގަ ކުރެއްވިއެވެ.

“ދަޢުލަތަށް ނުތަކާވަރުގެ ޑިޒައިންތައް ކުރަހައިގެން ރައްޔިތުންނަށް ދެއްކިއިރު މިކަން ކުރެވޭނެ އެއްވެސް މަގެއް ފެންނާކަށް ނެތް. ފައިސާއެއް ނެތް މިދަޢުލަތަކު. ދަޢުލަތުގެ އެވަރުގެ ކެރި ފޯރުންތެރިކަމެއް ނެތް.” ޑރ. ޚަލީލް މިއަދު ވިދާޅުވިއެވެ.

ޚަލީލް މިހެން ވިދާޅުވެފައި ވާއިރު ރަށްރަށުގެ ސިއްޙީ މަރުކަޒުތައް ބިނާކުރުމަށް ކުރީ ސަރުކާރުން ޙަވާލުކޮށްފައިވާ ގިނަ ކޮންޓްރެކްޓްތަކުގެ މަސައްކަތް ކުރިއަށް ނުގޮސް ހުއްޓިފައިވާތީ އެކަމުގެ ކަންބޮޑުވުން މަޖިލީހުގެ ގިނަ މެންބަރުން މިއަދު ވަނީ ފާޅުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން