އިންފޮމޭޝަން ކޮމިޝަނަރ އަލްއުސްތާޛު އަޙްމަދު ޢާހިދު ރަޝީދު
އިންފޮމޭޝަން ކޮމިޝަނަރ އަލްއުސްތާޛު އަޙްމަދު ޢާހިދު ރަޝީދު
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ދައުލަތުގެ އިދާރާތަކުން ހޯދުމަށް އެދޭ މައުލޫމާތު ފޯރުކޮށް ނުދީގެން މިހާތަނަށް ދެ މައްސަލައެއް ޕީޖީ އޮފީހަށް ފޮނުވާފައިވާކަމަށް އިންފޮމޭޝަން ކޮމިޝަނަރ އަލްއުސްތާޛު އަޙްމަދު ޢާހިދު ރަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމެޓީގައި މިއަދު ވާހަކަފުޅު ދައްކަވަމުން އާހިދު ވިދާޅުވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މައުލޫމާތު ހޯދަން އެދި ހުށަހަޅާ މައްސަލަތަކުގެ 90 އިންސައްތައަށް ދަޢުލަތުގެ އިދާރާތަކުން ޖަވާބުދޭ ކަމަށެވެ.

އަދި ޖަވާބު ނުދީގެން އެކޮމިޝަނަށް ހުށައަޅާ މައްސަލަތަކުގައި މަސައްކަތްކުރަނީ މަޝްވަރާ ކޮށްގެން ޙައްލު ހޯދުމަށް ކަމަށް އާހިދު މިއަދު ވިދާޅުވިއެވެ.

ނަމަވެސް އެއްވެސް ވަރަކަށް އެއްބާރުލުން ނުލިބިގެން މިހާތަނަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ދެ މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި ޕީޖީއަށް ފޮނުވަން ޖެހޭ އިތުރު 10 ވަރަކަށް މައްސަލަ އަދިވެސް އެބައޮތް ކަމަށް އާހިދު ވަނީ ވިދާޅުވެފައެވެ.

އާހިދު ވިދާޅުވީ، މި އަހަރުގެ މިހާތަނަށް އެ ކޮމިޝަނުން 258 މައްސަލައެއް ކުރިއަށް ގެންދާ ކަމަށެވެ. އެއީ މި އަހަރު ހުށަހެޅި 214 މައްސަލައަކާއި މިދިޔަ އަހަރު ނުނިމި އޮތް 44 މައްސަަލައެކެވެ. އޭގެ ތެރެއިން އެއްކޮށް ނިމިފައި ވަނީ 115 މައްސަލަ އެވެ.

އާރުޓީއައި ގާނޫނުގެ ދަށުން މި އަހަރު އެންމެ ގިނައިން މައުލޫމާތު ހޯދަން އެދިފައިވަނީ ރައީސް އޮފީހުންނެވެ. އެ އޮފީހުން މައުލޫމާތު ހޯދަން 103 ހުށަހެޅުމެއް ހުށައަޅާފައިވާއިރު، 57 ހުށަހެޅުމެއް ފިނޭންސް މިނިސްޓްރީން މައުލޫމާތު ހޯދަން ހުށައަޅާފައިވެއެވެ.

މިއަދުގެ ކޮމިޓީގައި އާހިދު އިތުރަށް ވިދާޅުވީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅޭ މައްސަލަތައް ގާނޫނުގައި ބުނާ 30 ދުވަހުގެ ތެރޭގައި ބަލައި ނިންމުމަށް އިސްކަންދޭ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން