ދައުލަތުގެ މެދު ރާސްތާގެ ފިސްކަލް އަދި ދަރަނީގެ ސިޔާސަތުތައް ޝާއިއުކުރުމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ގޮވާލައްވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަމީރު ވިދާޅުވީ، ދައުލަތުގެ މެދު ރާސްތާގެ ފިސްކަލް އަދި ދަރަނީގެ ސިޔާސަތުތައް ސިއްރުކުރަން އުޅުމަކީ ޒިންމާދާރުކަން ކުޑަ، ނުރައްކާތެރި ކަމެއް ކަމަށެވެ. އަދި އެއީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މިއީ ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށް އަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން އަމީރު ވިދާޅުވީ، 2019 ވަނަ އަހަރުން ފެށިގެން، މިދިޔަ ސަރުކާރުން ދައުލަތުގެ ފިސްކަލް އަދި ދަރަނީގެ ސްޓްރެޓެޖީ ވަކި ވަކިން ބަރާބަރަށް ޝާއިއުކުރި ކަމަށެވެ.

"މާލީ ކަންކަން ހިނގަމުންދާ ގޮތާއިމެދު އެތެރެއާއި ބޭރުގެ ފަރާތްތަކުގެ އިތުބާރު ކޮންމެހެންވެސް ހިފަހައްޓަންޖެހޭ ދަނޑިވަޅެއްގައި މިކަން މިގޮތަށް ނުކުރުމަށް މަޖުލިހަށް ގޮވާލަން." އަމީރު ވިދާޅުވިއެވެ.

މި ދަނޑިވަޅުގައި މާލީ އަދި އިޤްތިސާދީ ކަންތައްތައް މެނޭޖްކުރުމުގައި ސަރުކާރުގެ ޤާބިލްކަމާއި މެދު އިތުބާރު ގެއްލިފައިވާކަމަށް ތުހުމަތު ކުރައްވައި އަމީރު ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުތައް އެންމެންނަށް ފެންނަހެން ހާމަ ކުރުން ވަރަށް މުހިއްމު ކަމަށެވެ.

މި ދެ ބަޔާނުގެ މަގުސަދަކީ ދައުލަތުގެ ހަރަދާއި އާމްދަނީގެ ސިޔާސަތާ މެދު އާންމުން ހޭލުންތެރިކަން އިތުރުކުރުމާއި އެ ސިޔާސަތުގެ އަމާޒުތައް ހާސިލުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް ވަޒަންކުރެވޭނެ ވަސީލަތެއް ގާއިމް ކުރުންކަން ފާހަގަ ކުރައްވައި އަމީރު ވިދާޅުވީ، އެ ބަޔާން ސިއްރުކުރުމަކީ ޤާނޫނުގެ ރޫހާއި ޚިލާފު ކަމެއް ކަމަށެވެ.

ކުރިން އާއްމުކޮށް ކޮންމެ ހަފްތާއަކު ޝާއިއުކުރަމުން އައި "ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓްސް" ޝާއިއުކުރުންވެސް މިހާރު މެދުކެނޑިފައި ވާކަމަށް އަމީރު ވިދާޅުވިއެވެ.

"މިއަދު ސަރުކާރުގަ އިސް މަޤާމްތަކުގަ ތި ތިބީ، 2019-2023 ސަރުކާރު ބަންދެއް އައިސްގެންވެސް ދެންނެވި ރިޕޯޓެއް ޝާއިއުކުރުން ލަސްވިޔަސް އެ ކަންތައް ވަރަށް ބޮޑުކޮށްގެން ވާހަކަ ދެއްކި ބޭބޭފުޅުން." އަމީރު ވިދާޅުވިއެވެ.

އެހެންކަމުން ޤާނޫނުގައި އެ ބުނާ ލަނޑުދަނޑި ހާސިލްކޮށް، އިތުބާރު ހޯދުމަށް މި ދެ ބަޔާން ޝާއިއުކުރުމަށް އަމީރު ގޮވާލެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން