ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމުގެ ދައުރު ނިންމާނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖެއަށް ލިބުނު ތަރައްގީގެ ދެ ގުނަ ގެނެސްދީީފައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް މިރޭ ވިދާޅުވެއްޖެއެެވެ.

ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފުރަތަމަ ދައުރު ނިންމާލާނީ ރާއްޖެއަށް ބޮޑެތި ތަރައްގީ ގެނެސްދީފައި ކަމަށެވެ. އެގޮތުން ދެވަނަ ދައުރަކަށް ރައީސް މުޢިއްޒު ކުރިމަތިލައްވާނީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުރިހަމަ ކުރައްވާފައި ކަމަށް ޢަބުދުއްރަޙީމް ވިދާޅުވިއެވެ.

"ރައީސް މުޢިއްޒުގެ ޒައާމަތުގެ ފުރަތަމަ ފަސް އަހަރު ނިމިގެން ދެވަނަ ދައުރަކަށް އަޅުގަނޑުމެން ފަށާނީ ރައީސް ޔާމީން މި ގައުމަށް ގެނައި ތަރައްގީ ޑަބަލްކޮށްލަދީފައި އިރާދަކުރެއްވިއްޔާ،" މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ޢަބުދުއްރަޙީމް އިތުރަށް ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރާއި ރައްޔިތުން ޖައްސަން ކުރާ ކޮންމެ މަސައްކަތަކުން ވެއްޓޭނީ ކުރީގެ ރައީސް ޔާމީންގެ އަގު ކަމަށެވެ. އަދި ގެއްލޭނީ އެމަނިކުފާނަށް އޮތް ތާއީދެއް ކަމަށާއި މިއަދު އެ ތާއީދެއް ވެސް ނެތް ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

"ރައީސް މުޢިއްޒަށް މިގައުމުގައި އޮތް ތާއިދު ފެނިފައި ރައީސްގެ މަޑުމައިތިރިކަމާއި އަޚުލާގުގެ ރަނގަޅުކަމާއި ކެތްތެރިކަމާއި ހިތްހެޔޮކަން ފެނުނީމަ ރައީސް ޔާމީނަށް އެބައެނގޭ ތިމަންނައަށް ދެން ދިވެހި ވެރިކަމެއް އަތެއް ނުވާނެކަން، މިކަން މި ނިމުނީއޭ. އެއީ ވެގެން މިއުޅޭގޮތަކީ. އެހެން އެއްވެސް ކަމެއް ނޫން މިވެގެން މިއުޅެނީކީ،" ޢަބުދުއްރަޙީމް ވިދާޅުވިއެވެ.

ޢަބުދުއްރަޙީމް ވަނީ ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގަތީ ޔާމީންގެ ހުސް ގޮނޑި ދައްކައިގެން ކަމަށް ބުނެ ދައްކާ ވާހަކަތަކަށް ރައްދުދެއްވާފައެވެ. އަބްދުއްރަހީމް ވިދާޅުވީ، ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގައި 75 ގޮނޑި ރައީސް މުޢިއްޒަށް ރައްޔިތުން ދިނީ ހުސް ގޮނޑި ދައްކައިގެން ނޫން ކަމަށެވެ. އަދި ރައީސް ގޯސްކޮށް ވެރިކަން ކުރެއްވިނަމަ އެ އަދަދަށް ސަރުކާރަށް ގޮނޑި ރައްޔިތުން ނުދޭނެ ކަމަށް ޢަބުދުއްރަޙީމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން