ބަންގްލަދޭޝްގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން ހިންދޫންނަށް އަމާޒުކޮށްގެން ގިނަ ހަމަލާތަކެއްދީ، ހިންދޫންގެ ބައެއް ފައްޅިތައް ތަޅައި ސުންނާފަތިކޮށްފިއެވެ.

ބޮޑުވަޒީރު ޝެއިޚް ހަސީނާ އިސްތިއުފާ ދެއްވުމާ ގުޅިގެން ބަންގްލަދޭޝްގެ ބައިމަދު ހިންދޫ އާބާދީއަށް އަމާޒުކޮށްގެން ހިންގާ އަނިޔާވެރިކަން އިތުރުވެއްޖެ ކަމަށް ޚަބަރުލިބެއެވެ. ބަންގްލަދޭޝްގެ ހިންދޫ ބުދިސްޓް ކްރިސްޓިއަން ޔުނިޓީ ކައުންސިލް (ބީއެޗްބީސީޔޫސީ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހޯމަ ދުވަހާއި އަންގާރަ ދުވަހާ ދެމެދު ގިނަ އަދަދެއްގެ ހިންދޫ ގެތަކާއި ވިޔަފާރިތަކަށް ގެއްލުންދީފައިވާއިރު، އެތައް ފައްޅިއަކަށް ވެސް ވަނީ ގެއްލުންދީފައެވެ.

ބީއެޗްބީސީޔޫސީ އިން ބުނާގޮތުގައި މި ހަމަލާތަކުގައި އެއްވެސް މީހަކު މަރުވި ކަމަށް ރިޕޯޓްކޮށްފައި ނުވާކަމަށެވެ. ނަމަވެސް އެ ހަމަލާތަކުގެ ސަބަބުން ދިހަވަރަކަށް މީހުން ޒަޚަމްވެފައިވާ ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.

ބީއެޗްބީސީޔޫސީގެ ޖެނެރަލް ސެކްރެޓަރީ ރަނާ ބޭރުގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ބުނީ އެ ހަމަލާތައް ފެށީ ހަސީނާ އިސްތިއުފާ އިއުލާން ކުރުމުގެ ކުޑައިރުކޮޅެއް ކުރިން ކަމަށެވެ.

"މީހަކު މަރުނުވި ނަމަވެސް އަނިޔާތައް ލިބިފައި އެބަހުރި. ހިންދޫންގެ މައިނޯރިޓީ ގެތަކާއި ވިޔަފާރިތަކުގެ އިތުރުން ފައްޅިތަކަށް އަމާޒުކޮށް، ލޫޓުވައި، ގެއްލުން ދީފައިވޭ،" އޭނާ ބުންޏެވެ.

ބަންގްލަދޭޝްގައި ދަރިވަރުން އިސްވެ ހަފުތާތަކެއް ވަންދެން ކުރިއަށް ގެންދިޔަ ވަރުގަދަ މުޒާހަރާތަކުގައި ޝެއިޚް ހަސީނާ އިސްތިއުފާ ދެއްވުމާ ހަމައަށް ޖުލައި މަހުން ފެށިގެން 300 އާ ގާތްކުރާ އަދަދަކަށް މީހުން ވަނީ މަރުވެފައެވެ.

އިސްތިއުފާ ދެއްވުމަށް ފަހުގައި ހަސީނާ އިންޑިއާއަށް ފިލައިގެން ގޮސްފައިވާއިރު އޭނާ އިނގިރޭސިވިލާތުގައި ހިމާޔަތް ހޯއްދަވާނެ ކަމަށް ބެލެވޭ ކަމަށް އެގައުމުގެ ރައްޔިތުން ބުނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން