މާލޭ ސިޓީގެ އާ ކައުންސިލަރުން މާލޭގެ މޭޔަރު އާދަމް އާޒިމަށް އެއްބާރުލުން ދީ އެހީތެރިވުމަށް އާޒިމް ގޮވާލައްވައިފި އެވެ.

މާލޭ ސިޓީ ކައުންސިލަށް އިންތިހާބުވި ތިން މެމްބަރުން ހުވާ ކުރެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އާ ތިން މެންބަރުންނަށް ތަހުނިޔާ ވިދާޅުވެ އާޒިމް ވިދާޅުވީ މަގާމުތަކަށް ވޯޓުން އިންތިހާބު ކުރެވޭ ބޭފުޅުންނަށް ލިބިވަޑައިގަންނަވާނެ ހިތްހަމަޖެހުމަކީ، އެ މީހުންގެ ގާބިލުކަމާއި އިހުލާސްތެރިކަން ގަބޫލުކުރާ، ގިނަ ބަޔަކު ތިބިކަން އިހުސާސްވުމުން ލިބޭ ހިތްހަމަޖެހުން ކަމަށެވެ.

އަދި އޭގެ ސަބަބުން އެ ގާބިލުކަމާއި އިހުލާސްތެރިކަން ދެމެހެއްޓުމަށް ގަދައަޅާ މަސައްކަތް ކުރަން ޖެހޭކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

އެހެން ނަމަވެސް ވެރިޔަކަށް ލިބިވަޑައިގެންފައި އޮންނަ އިހުތިޔާރުގެ ދަށުން މަގާމަކަށް އައްޔަންކުރައްވާ ބޭފުޅަކަށް، އެފަދަ އިހުސާސެއް ނުކުރެވޭނެ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

އެހެން ކަމުން ރައްޔިތުންގެ އުއްމީދުތަކުގައި ހަގީގީ ކުލަ ޖެއްސުމަށް މަސައްކަތް ކޮށްދެއްވުމަށް ތިން ކައުންސިލަރުންނަށް ވެސް އާޒިމް މިއަދު އިލްތިމާސްކުރެއްވި އެވެ.

"އަޅުގަނޑުގެ އެދުމަކީ ކައުސިލަށް ހޮވިވަޑައިގެން މެންބަރުން މާލެ ސިޓީގެ ކަންކަމުގެ ސިޔާސަތު ކަނޑައަޅާދެއްވުމުގައި އަޅުގަނޑަށް އެހީތެރިކަން ދެއްވުން، އެއްބާރުލުން ދެއްވުން. ތިޔަ މެންބަރުންގެ ދާއިރާގެ ރައްޔިތުން ބޭނުންފުޅުވާ ކަންކަން، ދަތިވާ ކަންކަން ދެނެގަނެ، ސިޓީ ކައުންސިލާއި ހަމައަށް އެކަންތައް ގެނެސް، މަޝްވަރާކޮށް، އެކަމުގެ ހައްލުތައް ހޯދުމަށް އަޅުގަނޑާއި ގުޅިގެން މަސައްކަތްކޮށްދެއްވުން، ސިޔާސަތުތަށް ކަނޑައަޅައި ދެއްވުމުގައި އެހީތެރިވެދެއްވުން." އޭނާ ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން