އިސްރާއީލްގެ ޕާސްޕޯޓު ރާއްޖޭގައި މަނާކުރުމަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހެޅި ބިލްގެ މަސައްކަތް ހުއްޓާލާފައި އޮތްކަމަށް ވިދާޅުވެ، އެ މަސައްކަތް ހުއްޓާލެއްވި ސަބަބު ސާފު ކުރުމަށް މަޖިލީހުގެ ރައީސްގެ އަރިހުން އެދިއްޖެއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މަޖިލީހުގެ މިދިޔަ ދައުރުގައި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ. އެ ބިލު ކޮމެޓީއަށް ފޮނުވީ މީގެ 59 ދުވަސްކުރިންނެވެ. ނަމަވެސް، އެ މައްސަލަ ކޮމެޓީގައި މިހާތަނަށް އެޖެންޑާ ކޮށްފައެއް ނުވެއެވެ.

އެހެންކަމުން މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ އަށް އެޑްރެސްކޮށް މީކާއިލް މިއަދު ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ، އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެ ނުވެވޭނެކަން ކަށަވަރު ކުރުމަށް އޭނާ ހުށަހެޅުއްވި ބިލް މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި އެޖެންޑާ ނުކޮށް ބާއްވާފައި އޮންނަތާ މިއަދަށް 59 ދުވަސްވެފައިވާ ކަމަށެވެ.

އެހެންކަމުން މި ބިލުގެ މަސައްކަތް ހުއްޓާލާފައިވާ ސަބަބު ސާފުކޮށްދެއްވުމަށް މަޖިލީހުގެ ރައީސްގެ އަރިހުން މީކާއިލް ވަނީ އެދިވަޑައިގެންފައެވެ.

މީކާއީލް މިކަމަށް އެދިވަޑައިގެންފައިވާއިރު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކެބިނެޓުން ވަނީ އިސްރާއީލް ޕާސްޕޯޓް މަނާކުރުމަށް ކުރަންޖެހޭ ގާނޫނީ މަސައްކަތްތައް މަޖިލީހުގެ ތެރެއިން ކުރުމަށް ނިންމާފައިވާކަން މީގެ ދުވަސްތަކެއް ކުރިން ހާމަކޮށްފައެވެ. ނަމަވެސް، މަޖިލީހަށް އޭރު ހުށަހެޅިފައިވާ ބިލުގެ މަސައްކަތާއިއެކު ކުރިއަށްދާނީކަމެއް ނުވަތަ އާބިލެއް ހުށަހަޅާނީކަމެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން