ލާމަރުކަޒީ ނިޒާމު ފުނޑުފުނޑު ކޮށްލުމުގެ މަސައްކަތް މި ސަރުކާރުން ފަށާފައިވާކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހަށް އަލަށް އިންތިހާބުވި މެންބަރުންނާއިއެކު ރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފައްޔާޒުވަނީ މި ސަރުކާރުން އެކި ކަންކަމުގައި އަމަލު ކުރަމުންދާ ގޮތާއި ގުޅޭގޮތުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒު ކުރައްވާފައެވެ.

ހާއްސަ ގޮތެއްގައި ލާމަރުކަޒީ ނިޒާމަށް މި ސަރުކާރުން ގެންނަން އުޅޭ ބަދަލުތަކަކީ އެ ނިޒާމު ފުނޑުފުނޑު ކޮށްލުމަށް ރާވާ ރޭވުންތަކެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ.

ފައްޔާޒު ވިދާޅުވީ ގާނޫނު އަސާސީ އަށް މިއަދު 16 އަހަރު ފުރިގެންދާއިރު، މިހާރު ފެންނަނީ ގާނޫނު އަސާސީން ލިބިދީފައިވާ ހައްގުތައް ނިގުޅައިގަތުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ މަންޒަރު ކަމަށެވެ.

"މިއީ ވަރަށް ބިރުވެރި ސިގްނަލެއް އަޅުގަނޑުމެންނަށް މި ފެންނަނީ. އަޅުގަނޑުމެންނަށް އެބަ އިނގޭ މިއަދުގެ ސަރުކާރަކީ މިއޮތް ގާނޫނު އަސާސީގެ ހަމަތައް ގަބޫލުކުރައްވާ ބައެއް ނޫންކަން. ޑިމޮކްރެސީގެ ހަމަތައް ގަބޫލުކުރައްވާ ބައެއް ނޫންކަން، ލާމަރުކަޒީ ނިޒާމު އެއްގޮތަކަށް ވެސް ގަބޫލުކުރައްވާ ބައެއް ނޫންކަން،" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ، ސަރުކާރަށް ލިބިފައިވާ ބާރުވެރިކަމުގެ ބޭނުން ހިފައި ކައުންސިލްތަކުގެ ބާރު ކަނޑުވާލަން މަސައްކަތް ކުރަމުން ދާކަމަށާއި، އެކަންކަމާއި ދެކޮޅަށް އެމްޑީޕީން އަޑު އުފުލާނެކަމަށެވެ. އަދި ކަންކަން ރަނގަޅުކުރަން ސަރުކާރަށް ޖާގަ ދިން ނަމަވެސް އަބަދު އެގޮތަށް ނުތިބޭނެކަމަށް ވެސް ފައްޔާޒު ވަނީ ވިދާޅުވައެވެ.

ފައްޔާޒު މިހެން ވިދާޅުވެފައިވާއިރު ކައުންސިލަރުންގެ އަދަދު މަދު ކުރުމަށް ސަރުކާރުން ނިންމާފައިވާކަން މީގެކުރިން ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން