ފޮޓޯ: އޯއައިސީގެ ފޭސްބުކް ޕޭޖް
ފޮޓޯ: އޯއައިސީގެ ފޭސްބުކް ޕޭޖް
ފާއިތުވި ހަފްތާގައި އީރާނުގައި ހަމާސްގެ ސިޔާސީ އިސްވެރިޔާ އިސްމާޢީލް ހަނިއްޔާ އަވަހާރަކޮށްލި ހަމަލާގެ ޒިންމާ އިސްރާއީލުން އުފުލަންޖެހޭނެ ކަމަށް އޯގަނައިޒޭޝަން އޮފް އިސްލަމިކް ކޯޕަރޭޝަން (އޯއައިސީ) އިން ބުނެފިއެވެ.

ބުދަ ދުވަހު ސަޢޫދީ ޢަރަބިއްޔާގައި ބޭއްވި 57 މެމްބަރުންގެ ޖަމްޢިއްޔާގެ ކުއްލި ބައްދަލުވުމަކަށްފަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ "މި ނުބައި ހަމަލާގެ ފުރިހަމަ ޒިންމާ އުފުލަންޖެހޭނީ ޣައިރު ޤާނޫނީ ގޮތުން ފަލަސްތީނުގެ ބިންތައް ހިފައިގެންއުޅޭ އިސްރާއީލުން" ކަމަށާއި، އެއީ އިސްރާއީލުން އީރާނުގެ ސިޔާދަތަށް އަރައިގަތުން ކަމަށެވެ.

އޯއައިސީގެ މި ބައްދަލުވުމުގެ ރައީސް، ގެމްބިއާގެ ޚާރިޖީ ވަޒީރު މާމާދޫ ތާންގާރާ ވިދާޅުވެފައިވަނީ، ހަނިއްޔާ އަވަހާރަކޮށްލުމާއި އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ އުދުވާނީ ހަމަލާތަކުގެ ސަބަބުން، ސަރަހައްދީ ހަނގުރާމައަކަށް މަގުފަހިވުމުގެ ފުރުސަތު އޮތްކަމަށެވެ.

ތާންގާރާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އީރާނުގެ ސިޔާދަތާއި ސަރަޙައްދީ އިންތައް ހުރަސްކޮށް، އެ ޤައުމުގެ ފަސްގަނޑުގައި ސިޔާސީ ލީޑަރަކު އަވަހާރަކޮށްލުމަކީ، ވަކިން އެކަހެރި ހާދިސާއެއްގެ ގޮތުގައި ބެލެވޭނެ ކަމެއް ނޫނެވެ.

މި ބައްދަލުވުން ބޭއްވި ސަޢޫދީ ޢަރަބިއްޔާއިން ވެސް ހާމަކުރި ގޮތުގައި، އީރާނުގެ ބިމުގައި ހަނިއްޔާ އަވަހާރަކޮށްލުމަކީ އީރާނުގެ ސިޔާދަތަށް "ސީދާ އަރައިގަތުމެއް" ކަމުގައެވެ.

ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރުގެ ނައިބު، ވަލީދު އަލްޚުރައިޖީ ވިދާޅުވެފައިވަނީ، "އެއްވެސް ޤައުމެއްގެ ސިޔާދަތަށް އަރައިގަތުމާއި އެއްވެސް ޤައުމެއްގެ އެތެރޭގެ ކަންކަމަށް ނުފޫޒު ފޯރުވުން" މިއީ އެ ޤައުމުން ބަލައިގަންނަ ކަމެއް ނޫންކަމަށެވެ.

ޙަމާސްއާއި އީރާނުން ވަނީ ތެހެރާނުގައި ހަނިއްޔާ އަވާހަރަކޮށްލި މައްސަލައިގައި އިސްރާއީލަށް އިނގިލި ދިއްކޮށްފައެވެ. ނަމަވެސް އިސްރާއީލުގެ ސަރުކާރުން މިކަމުގައި ޒިންމާ ނަގާކަން ނުވަތަ ނޫންކަން އަދި ހާމަކޮށްފައެއް ނުވެއެވެ.

އިރާނުން ވަނީ އެ މައްސަލައިގައި ބަދަލުހިފުމަށް ވަޢުދުވެ، އިސްރާއީލަށް "ހަރުކަށި އަދަބު" ދޭނެކަމުގެ އިންޒާރުދީފައެވެ. ނަމަވެސް އެމެރިކާ އާއި ހުޅަނގުގެ ޤައުމުތަކުން ވަނީ ކަންކަން އިތުރަށް ގޯސްވެދާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ގޮވާލާފައެވެ.

ބުދަ ދުވަހު، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ރަސްމީ ތަރުޖަމާނު މެތިއު މިލަރ ވިދާޅުވި ގޮތުގައި، މިހާރު ސަރަޙައްދުގައި ހިނގަމުންދާ ހަމަނުޖެހުންތައް އިތުރަށް ގޯސްވެގެން ދިއުމަކީ ސަރަޙައްދީ ހަމަޖެހުމަށް ނޭދެވޭ އަސަރުކުރާނެ ކަމެއްކަމަށް އެމެރިކާއެކޭ އެއްފަދައިން އޯއައިސީގެ ގިނަ މެންބަރު ޤައުމުތަކުން ވެސް އެއްބަސްވެއެވެ.

މިލަރ އިތުރަށް ވިދާޅުވި ގޮތުގައި، އެމެރިކާގެ އުއްމީދަކީ އޯއައިސީގެ ބައްދަލުވުމުގައި ވެސް، ފާއިތުވި ހަފުތާގައި އެމެރިކާއިން މަސައްކަތްކުރި އުސޫލުން ކުރިއަށް ދިއުމެވެ. އެގޮތުން، ހަނގުރާމަ އިތުރަށް ގޯސްވެދާނެ ފަދަ އެއްވެސް ފިޔަވަޅެއް ނޭޅުމަށް އެމެރިކާއިން އިސްރާއީލުގެ ސަރުކާރަށް ބާރުއަޅަމުންދާ ފަދައިން، އިރާނާ ގުޅުންހުރި އެންމެހައި ފަރާތްތަކުން އިރާނަށް ވެސް އެފަދައިން ނަސޭހަތްތެރިވުމަށް ގޮވާލެއްވިއެވެ.

އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސަރަޙައްދުގެ ހާލަތު އިތުރަށް ގޯސްވެއްޖެނަމަ، ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓުވުމަށް އެއްބަސްވުމަކަށް އާދެވުމުގެ ފުރުޞަތު ގެއްލިގެންދިއުމަކީ އެކަށީގެންވާ ކަމެކެވެ.

ހަމަލާތައް ހުއްޓާލުމުގެ މަޝްވަރާތަކުގައި ހަމާސްގެ ފަރާތުން އިސްކޮށް ޙަރަކާތްތެރިވެވަޑައިގަތީ އެ ޖަމާޢަތުގެ ސިޔާސީ ވެރިޔާ އިސްމާޢީލް ހަނިއްޔާއެވެ. އެހެންނަމަވެސް، އޭނާ އަވަހާރަކޮށްލުން އެމެރިކާއިން އެކަން ކުށްވެރިކޮށްފައެއް ނުވެއެވެ.

މެއި މަހުގެ ފަހުކޮޅު، އެމެރިކާގެ ރައީސް ޖޯ ބައިޑެން ހާމަކުރެއްވި ގޮތުގައި، ހަނގުރާމަ ހުއްޓާލުމަށް އިޒްރޭލުން ހުށަހަޅާފައިވާ ހުށަހެޅުމުގައި ވާ ގޮތަށް ޣައްޒާގައި ތިބި އިސްރާއީލުގެ ރަހީނުން ދޫކޮށްލައި، އިސްރައީލުގައި ހައްޔަރުކޮށްފައި ތިބި ފަލަސްތީނު މީހުން ދޫކޮށްލުމަށްފަހު، ދިގު މުއްދަތަކަށް ދެމިގެންދާނެ ގޮތަކަށް ހަނގުރާމަ ހުއްޓުވިދާނެއެވެ.

ޣައްޒާއަށް އިސްރާއީލުން ދެމުންގެންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލައި އދ ގެ ސަލާމަތީ މަޖިލީހުން އަޅަން ނިންމި ތިން ފިޔަވަޅެއް ވީޓޯކޮށްފައިވާ އެމެރިކާއިން، ފުރަތަމަ ބުނަމުން ދިޔައީ އެއްބަސްވުމަކަށް ނާދެވުމުގެ ޒިންމާ އުފުލަންޖެހޭނީ ހަމައެކަނި ހަމާސްއިން ކަމަށެވެ.

އޯއައިސީ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި، ގެމްބިއާގެ ތާންގާރާ ގޮވާލެއްވީ އިސްރާއީލާއި-ފަލަސްތީނުގެ މައްސަލައިގެ އަސްލު ސަބަބުތަކަށް ރިޢާޔަތްކުރާ ދެމެހެއްޓެނިވި ސުލްޙައަކަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، އިންސާނީ އެހީއަށް ބޭނުންވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަށަވަރުކުރުމަށާއި، އަދި އެ ސަރަހައްދުގެ އެންމެހައި ރައްޔިތުންނަށް އަމާންކަމާއި ރައްކާތެރިކަން ޤާއިމުކޮށްދޭނެ ދެމެހެއްޓެނިވި ސިޔާސީ ޙައްލެއް ހޯދުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢު އެއްބައިވުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން