ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީން ކުރިއަށް ގެންދާ "ހާލު ކިހިނެއް؟" ޕްރޮގްރާމް ވިލިމާލެއަށް ފުޅާކޮށް ދެ ހަފުތާގެ ތެރޭގައި ވިލިމާލޭގެ ހުރިހާ ގެއަކަށް ޒިޔާރަތްކުރަން ނިންމައިފި އެވެ.

މިދިޔަ މޭ މަހުގެ 30 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ އެ ޕްރޮގްރާމަކީ އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރާއި އެއްގޮތަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ތިބި ރައްޔިތުންގެ ގާތަށް ޒިޔާރަތްކޮށް، އެމީހުންގެ ހާލު ބަލައި، މުޖުތަމައުގައި ތިބި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، ރައްޔިތުންނާއި ގާތުން ހިދުމަތް ފޯރުކޮށްދިނުމަށް އެހީތެރިވެ ބާރުއެޅުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

އެ ޕްރޮގްރާމް އެންމެ ފުރަތަމަ މާލެ ސަރަހައްދުގައި ފެށީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އާބާދުވެފައިވާ ހިޔާ ފްލެޓުތަކުންނެވެ. އަދި މިހާރުވެސް ދަނީ ހިޔާ ފްލެޓްތަކުގައި އެ ޕްރޮގްރާމް ހިންގަމުން ނެވެ.

އޭގެ ފަހުން އިއްޔެ ހަވީރު ވަނީ ވިލިމާލޭގައި ވެސް އެ ޕްރޮގްރާމް ފަށައިފަ އެވެ.

ސޯޝަލް މިނިސްޓްރީން ބުނީ ވިލިމާލޭގައި އެ ޕްރޮގްރާމު ފެށީ ވިލިމާލޭ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި ގުޅިގެން އެ ކޮމެޓީގެ އެހީތެރިކަމާއެކު ކަމަށެވެ.

ސޯޝަލް މިނިސްޓްރީން ބުނީ ކުރިއަށް އޮތް ދެ ހަފްތާގައި ވިލިމާލޭގެ ހުރިހާ ގެތަކަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ހާލުބަލަން ކުރާ ޒިޔާރަތްތަކުގައި ސޯޝަލް މިނިސްޓަރު ޑރ. އައިޝަތު ޝިހާމްވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން