ރައީސް ޔާމީން އެމަނިކުފާނުގެ ވެރިކަމުގައި މެމްބަރު ފަލާހުއާއެކު--
ރައީސް ޔާމީން އެމަނިކުފާނުގެ ވެރިކަމުގައި މެމްބަރު ފަލާހުއާއެކު--
ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެމަނިކުފާނު ފައިސާގެ ބޮޑެތި އަދަދުތަކުން ހިޔާނެތްތެރިވެފައިވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް ދެއްކެވި ވާހަކަތަކަށް ރައީސް ޔާމީން ރައްދު ދެއްވައިފި އެވެ.

މިދިޔަ އަންގާރަ ދުވަހުގެ ރޭ ޕީއެންސީގެ ހަރު ގޭގައި ބޭއްވި ޖަލްސާގައި ފަލާހު ވަނީ ރައީސް ޔާމީންގެ ކެމްޕޭނަށް ލިބިވަޑައިގެންނެވި ފައިސާ އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރެއްވި ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.

އެގޮތުން ރައީސް ޔާމީންގެ އެކައުންޓުގައި އެއް އަހަރުގެ ބަޖެޓު ފޫބައްދާހާ ވަރަށް ފައިސާ އެބަހުރިކަމަށް ފަލާހު ވިދާޅުވި އިރު ރައީސް ޔާމީން މާލޭގައި އެޅުއްވި 12 ބުރީގެ ގެއަށް ފައިނޭންސް ކުރި ގޮތާ މެދުވެސް އޭނާ ސުވާލު އުފެއްދެވި އެވެ.

ރޭ ރައީސް ޔާމީންގެ ޕާޓީ، ޕީއެންއެފުން ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވަނީ ފަލާހުގެ ތުހުމަތުތަކަށް ރައްދުދެއްވައިފަ އެވެ.

އެގޮތުން މި ސަރުކާރުން ޕީއެންސީގެ މަޖިލިސް ކޮންމެ މެމްބަރަަކަށް މަހަކު 50،000 ރުފިޔާ ދޭކަމަށް ކުރެވޭ ތުހުމަތުތަކުގެ މައްސަލަ ނަންގަވައި ރައީސް ޔާމީން ވިދާޅުވީ އެ ފައިސާއާ ގުޅޭ ގޮތުން ސުވާލު ކުރުމުން ފައިސާ ލިބުނު ކަމަށް އެންމެ ފުރަތަމަ އެއްބަސްވީ ފަލާހު ކަމަށެވެ.

"ރައީސް ޔާމީންގެ އެކައުންޓުގައި ހުރި ފައިސާއަކީ ފުލުހުންނާ ޝަރީއަތުގެ މަރުހަލާގައާ ތަހުގީގުކޮށް ބެލި ފައިސަލާ ކުރެވިފައި ހުރި އެއްޗެހި. ކީއްވެގެން ތޯ މިސާލުދައްކާ ކަމަށްވަންޏާ، ކެރޭނެތޯއޭ މި 50 ހާސް ރުފިޔާގެ މައްސަލަ ތަހުގީގުކޮށްލަން. [ފަލާހު] އަމިއްލައަށް ފުލުހުންނަށް ހުށަހަޅަން ކެރޭނެތޯ." ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީންގެ އެކައުންޓްގައި ގިނަ އަދަދެއްގެ ފައިސާހުރި ސަބަބާމެދު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވެސް ވަނީ އެ ޖަލްސާގައި ސުވާލު އުފައްދަވައި ތުހުމަތު ތަކެއް ކުރައްވާފައެވެ. އަދި އެކައުންޓުގައި ހުރީ ކެމްޕޭނަށް ލިބުނު ފައިސާ ކަމަށް ޔާމިން ވިދާޅުވާއިރު ކެމްޕޭނަށް ލިބިފައިވާ ފައިސާއެއް ވިއްޔާ ހުންނަން ޖެހޭނީ ޕާޓީގެ އެކައުންޓުގައި ކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން