ޣައްޒާގެ ސްކޫލަކަށް އަމާޒުކޮށް ނިރުބަވެރި އިސްރާއީލުން ދިން ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. 

ހަނގުރާމައިގެ ސަބަބުން ގެދޮރު ގެއްލި ބޯހިޔާވަހިކަން ހޯދުމަށް ސްކޫލެއްގެ ތެރޭގައި އުޅެމުން ދިޔަ ބަޔަކަށް އަމާޒުކޮށް އިސްރާއީލުން ދިން ލާއިންސާނީ ހަމަލާގައި 93 މީހުން ވަނީ ޝަހީދުވެފައެވެ.

ރާއްޖޭގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނީ ފަލަސްޠީނުގެ ސަތޭކައަށްވުރެ ގިނަ މީހުން ހިމާޔަތް ހޯދަމުން ދިޔަ އަލް ތާބިޢީން ސްކޫލަށް އިސްރާއީލުން ދިން ހަމަލާ ކުށްވެރިކުރާ ކަމަށެވެ. އަދި މި ހަމަލާއަކީ ބައިނަލްއަގްވާމީ ގާނޫނުތަކާއި އިންސާނީ ގާނޫނުގެ އަސާސީ އުސޫލުތަކާއި އދ.ގެ ސަލާމަތީ މަޖިލީހުގެ 2610 ވަނަ ގަރާރާ ޚިލާފު އަމަލެއް ކަމަށް ސަރުކާރުގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ކުށެއްނެތް އާންމުންނަށް ދޭ މި ހަމަލާތައް ހުއްޓުވައި ފަލަސްޠީނުގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ސުލްހަ ގާއިމުކުރުމަށް މަސައްކަތް ކުރުމަށް ދިވެހި ސަރުކާރުން ވަނީ ބައިނަލްއަގްވާމީ މުޖުތަމައަށް ގޮވާލާފައެވެ.

ފަލަސްޠީނުގެ ރައްޔިތުންނަށް ލިބިދޭ ހައްގުތަކާއި، މިނިވަން ދައުލަތެއް ގާއިމް ކުރުމުގެ ހައްގު ހާސިލުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދިވެހި ސަރުކާރާއި ރައްޔިތުން ދެމިތިބޭނެ ކަމަށްވެސް މި ބަޔާނުގައި މިނިސްޓްރީން ވަނީ ބުނެފައެވެ.

އެމެރިކާއިން ފަންޑު ދީގެން އިސްރާއީލުން ފަލަސްތީނުގެ ނަސްލު ނައްތާލުމަށް ހަނގުރާމަކުރާތާ މަސްތަކެއް ވަނީ ވެފައެވެ. މި ހަނގުރާމައިގައި ޝަހީދުވި ފަލަސްތީނުގެ ރައްޔިތުންގެ އަދަދު މިހާރު ވަނީ 40،000 އާ ގާތްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން