ޑޮކްޓަރަށް ދެއްކުމުގައި ދިމާވާ ދަތިތައް ހައްލުކުރަން ސޯޝަލް މިނިސްޓްރީން ހެލްތު މިނިސްޓްރީގެ އިސް ބޭފުޅުންނާއެކު މަޝްވަރާތަކެއް ބާއްވައިފި އެވެ.

ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީން ކުރިއަށް ގެންދާ "ހާލު ކިހިނެއް؟" ޕްރޮގްރާމުގެ ދަށުން 1000އަށް ވުރެ ގިނަ ގޭބިސީއަށް ޒިޔާރަތްކުރިއިރު ރައްޔިތުންގެ ހުރި އެންމެ ބޮޑު ކަންބޮޑުވުމަކީ ބޭސްފަރުވާ ހޯދުމުގައި ހުރި ދަތިކަންކަމަށް މިދިޔަ މަހު ކުރީކޮޅު ސޯޝަލް މިނިސްޓްރީން އޮތީ ބުނެފަ އެވެ.

އެހެންވެ އެކަމާ ގުޅިގެން ހެލްތު މިނިސްޓްރީގެ އިސް ފަރާތްތަކާއެކު އިއްޔެ މަޝްވަރާ ބައްދަލުވުމެއް ބޭއްވިކަމަށް ސޯޝަލް މިނިސްޓްރީން ބުނެއެވެ.

އެ ބައްދަލުވުމުގައި، ޑޮކްޓަރަށް ދެއްކުމުގައި ދިމާވާ ދަތިތަކަށް އަވަސް ހައްލުތަކެއް ހޯދޭނެ ގޮތްތަކާއި، ދާނުގައި ތިބޭ މީހުންނާއި އެކި ބާވަތްތަކުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޑޮކްޓަރަށް ދެއްކުމުގައި ދިމާވާ ދަތިތަކާއި، އެ ފަރާތްތައް ހޮސްޕިޓަލަށް ގެންދިއުމާއި، އަދި ސްޕެޝަލިސްޓުންނަށް ދެއްކުމުގައި ދިމާވާ ދަތިތަކާއި ގުޅޭގޮތުން މަޝްވަރާކުރި ކަމަށް ވެސް ސޯޝަލް މިނިސްޓްރީން ބުނެއެވެ.

އޭގެ އިތުރުން އިޖުތިމާޢީ ރައްކާތެރިކަމާއި، ޢާއިލާތަކުގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ދެ ވުޒާރާއިން ގުޅިގެން ކުރާނެ ކަންކަމާއި ގުޅޭގޮތުން ވެސް އެ ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން