ހުޅުމާލޭ ގޯތިތަކުގެ ކަންމުޑި ޖަހަނީ
ހުޅުމާލޭ ގޯތިތަކުގެ ކަންމުޑި ޖަހަނީ
ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހިން ދޫކުރަންޖެހޭ ގޯތިތައް އޮކްޓޯބަރުގެ ނިޔަލަށް ދޫކޮށް ނިންމާލެވޭނެ ކަމަށް ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޑރ. ހައިދަރު ވިދާޅުވީ ކުރީ ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ދޫކޮށްފައިވަނީ ކުންފުނިތަކުގެ މަސައްކަތްތަކަށް ސާމާނުތައް ބަހައްޓާ ސައިޓުތަކުންނާއި ބައެއް މަގުތަކުންނާއި ގޯޅިތައްވެސް ހިމެނޭގޮތުން ކަމަށެވެ.

އެގޮތުން ހުޅުމާލެއިން ދޫކޮށްފައި ހުރި ބައެއް ގޯތިތައް ހުރީ ކަރަންޓް ނަރުތަކާއި ކަރަންޓް ފޮށިތައް އެ ގޯތިތަކުގެ ތެރެއަށް ވާގޮތަށްކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވި އެވެ.

“ހުޅުމާލެ ދެވަނަ ފިޔަވަހިން ދޭންޖެހޭ 1407 ގޯތީގެ ތެރެއިން 623 ގޯއްޗެއް އެ ގޯތިތަކުގެ ވެރިފަރާތާ މިހާރުވެސް ވަނީ ޙަވާލު ކުރެވިފައި. މިހާރު ލަފާކުރެވޭ ގޮތުގައި މި އޮކްޓޯބަރު މަހުގެ ނިޔަލަށް ފޭސް ދޭއްގައި ހުރި ހުރިހާ ގޯއްޗެއް ޙަވާލުކޮށް ނިންމާލެވޭނެ.” ޑރ. ހައިދަރު މިއަދު ވިދާޅުވިއެވެ.

ހައިދަރު އިތުރަށް ވިދާޅުވީ ކުރީ ސަރުކާރުން ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ފަޅުން 699 ގޯތި ދީފައިވާކަމަށެވެ.

“މީހެއްގެ ނަންމައްޗަށް ފަޅުން ގޯތި ރަޖިސްޓްރީކުރެވޭ ގޮތެއް އަދިއެއް ނޯވޭ. އޭގެ އިތުރުން އެއީ ޒިންމާދާރު ސަރުކާރަކުން ކަންތައް ކުރައްވާނެ ގޮތެއް ނޫން.” ކުރީގެ ސަރުކާރުން ހިކިފަސްނޫން ތަންތަނުން ދޫކޮށްފައިވާ ގޯތިތަކަށް އިޝާރާތް ކުރަށްވަމުން ވަޒީރު ވިދާޅުވިއެވެ.

އެހެންކަމުން ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކައި ހިކިފަސްތަނުން ރައްޔިތުންނަށް ގޯތި ދިނުމުގެ އަމަލީ މަސައްކަތް އަންނަ ނޮވެމްބަރު މަހުގައި ފެށޭނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ވަޒީރު މިހެން ވިދާޅުވެފައިވާއިރު ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ފުރަތަމަ ބުރުގައި ހުޅުމާލެއިން 1،351 ގޯތި، ގުޅީފަޅުން 2،218 ގޯތި ދިނުމަށް ވަނީ ނިންމާފައެވެ. އޭގެ އިތުރުން ގިރާވަރު ފަޅުން 5،432 ގޯތި ދޭނެކަމަށް ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީން ބުނެފައި ވެއެވެ.

އޭރު ހައުސިންގ މިނިސްޓްރީން ބުނީ ޝަރުތު ހަމަވެގެން ގޯތި ލިބޭ 19،631 މީހުން ތިބި ނަމަވެސް އޭގެތެރެއިން އޭރު ލިބެން ހުރި 9003 ގޯތި ދެވެން އޮތީ އެތަނުން 18،948 މީހަކަށް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން