ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ގުޅީ ފަޅުން ގޯތިތައް ދޫކޮށްފައި އޮތީ ކަނޑުންނާއި ފަޅުން ކަަމަށް މި ސަރުކާރުން ބުނި ވާހަކަތައް އެމްޑީޕީން ދޮގުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވީ ކުރީ ސަރުކާރުން ގުޅީ ފަޅުން ގޯތި ދޫކޮށްފައި އޮތީ ކަނޑުންނާއި ފަޅުން ކަމަށާއި ނަމަވެސް އެތަން ހިއްކުމަށްފަހު މި ސަރުކާރުން އެގޯތިތައް ޙަވާލުކުރާނެ ކަމަށެވެ.

ނަމަވެސް އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވައި ހައިދަރު ދެއްކެވި ވާހަކަތަކަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.

އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވީ މިނިސްޓަރުގެ ޖަވާބުތައް ބައްޓަން ކޮށްފައިހުރީ ރައްޔިތުންނަށް ވަރަށް ގަބޫލުނުކުރެވޭނެ ފަދަ ގޮތަކަށް ކަމަށެވެ.

"ހަގީގަތުގައި ކަނޑުން އެއްވެސް ގޯޗެއް ދޫކޮށްފައި ނުވާނެ .ގޯތި ދޫކޮށްފައިވަނީ ވަރަށް ތިލަ ފަޅަކުން. ފަޅުގެ ބޮޑުބައެއްު ހިއްކުމުގެ މަސައްކަތް އޭރުގެ އެމްޑީޕީ ސަރުކާރުން ކުރަމުން ގެންދިޔައީ. އެ މަސައްކަތް ވެސް ހުއްޓި ފުށިދިއްގަރު ފަޅަށް މުޅި އަމާޒު ބަދަލުވެ ރައްޔިތުންނަށް އޭރު ދޫކޮށްފައި ހުރި ގޯތިތައް ރައްޔިތުންނާއި ހިސާބަށް ނައިސް މެދުކެނޑިފައިވަނީ. ގާތްގަނޑަކަށް މިދިޔަ ސެޕްޓެމްބަރު މަހު ވޯޓުން ރައީސް މުއިއްޒު ހޮވުނު ހިސާބުން ފެށިގެން އަދި ހުވާކުރުމުގެ ކުރިން ރައްޔިތުންނަށް ގޯތި އަދި ފްލެޓް ދިނުމުގެ ކަންކަން މަޑުޖައްސާލުމަށް އޭރު އެމްޑީޕީގެ ސަރުކާރަށް އެކި ގޮތްގޮތަށް އަންގަމުން ދިޔައީ" ނާޒިލް ވިދާޅުވިއެވެ.

އަންނަ މަހު މި ސަރުކާރަށް އަހަރެއް ފުރޭއިރު ނަތީޖާއެއް ނެރެވިފައި ނުވާ ކަމަށާއި އަދި މިއީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން