ބޭރުގެ ޔުނިވަރސީޓިތައް ރާއްޖޭގައި ހިންގައިގެން ފައިދާއެއް ނެތް ކަމަށާއި އެކަމުން ލިބޭނެ ގެއްލުން ބޮޑު ކަމަށް ޕްރައިވެޓް ހަޔާ އެޑިއުކޭޝަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނެފިއެވެ.

ރާއްޖޭގައި ހިންގާ އަމިއްލަ ކޮލެޖްތަކުގެ އިސް ފަރާތްތައް ހިމެނޭގޮތަށް އުފައްދާފައިވާ "ޕްރައިވެޓް ހަޔާ އެޑިއުކޭޝަން އެސޯސިއޭޝަން އޮފް މޯލްޑިވްސް" އިން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް މިއަދު ފޮނުވި ސިޓީއެއްގައި ބުނީ ބޭރުގެ ކޮލެޖްތައް ރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގުމުގެ ހުއްދަ ދެވޭ ގޮތަށް އޮތުމުން ބޭރު ގައުމެއްގައި ހިންގާ ޔުނިވަރސިޓީ އަކުން ހިންގާ ޕްރޮގްރާމް ތަކުގެ މައްޗަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ބާރެއް ނުހިންގޭނެ ކަމަށެވެ.

ރާއްޖޭގެ ސިޔާސީ ސަރަހައްދުގައި ރާއްޖޭގެ ގާނޫނީ އޮނިގަނޑުން ބޭރުގައި އެއްވެސް ބަޔަކަށް އޮޕަރޭޓް ކުރެވިގެން ނުވާނެ ކަމަށާއި ދިވެހި ދައުލަތުގެ ބާރު ނުހިނގާ ގޮތަށް އެއްވެސް ބަޔަކަށް އެއްވެސް ކަމެއް ކުރެވިގެން ނުވާނެ ކަމަށް އެސޯސިއޯޝަނުން ބުނެއެވެ.

ބޭރުގެ ޔުނިވަރސީޓިތައް ރާއްޖޭގައި ހިންގަން ހުއްދަ ދޭނަމަ ބޭރުގެ ޔުނިވަރސިޓީ ތަކުންވެސް އެމްއެންކިޔޫއެފަށް ފަރުމާ ކޮށްގެން އެމް.ކިޔު.އޭ ގެ އެޕްރޫވަލްއާ އެކު އެ އިދާރާގެ ރެގިޔުލޭޓަރީ ފްރޭމްވޯކްގައި އެހެން ކޮލެޖްތަކެކޭ އެއްގޮތަށް ހިންގިދާނެ ކަމަށާއި އެގޮތަށް އެކަން ކޮށްފިނަމަ މިހާރު ވެސް ދަރިވަރުން މަދު މާކެޓެއްގައި، ރާއްޖޭގެ މީހުންނަށްވުރެ ވަސީލަތް ގިނަ ބަޔަކު އައިސް ކޮމްޕީޓްކޮށް، މޮނޮޕޮލައިޒްކޮށް، 25 އަހަރުން އުފެދިފައި އޮތް ސެކްޓަރ ނެތިގޮސްދާނެ ކަމަށް ވެސް ސިޓީގައި ބުނެފައި ވެއެވެ. އަދި މީގެ ސަބަބުން ބޭރުގެ ބައެއްގެ އަޅުވެތިކަމަށް ދިވެހި ދަރިވަރުން ގޮސްދާނެކަމުގެ ބިރު އޮތްކަން އެސޯސިއޭޝަނުން ފާހަގަ ކުރިއެވެ.

ޕްރައިވެޓް ހަޔާ އެޑިއުކޭޝަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ވަނީ ރައްޔިތުންގެ މަޖިލީހުން ރާއްޖެއަށް ބޭރުގެ ކޮލެޖްތައް ތައާރަފްވާނެ ގޮތަށް ގާނޫނު އިސްލާހު ކޮށްފިނަމަ އެއްގޮތަށް ވުރެ ގިނަ ގޮތްގޮތުން ދަރިވަރުންނަށާއި ރާއްޖޭގެ ކުދި ކޮލެޖްތަކަށް ފޫނުބެއްދޭނޭ ވަރުގެ ގެއްލުންތައް ވާނެ ކަމަށް ބުނެ އެކަމުގެ ސަބަބުން ގެއްލުންވާނެ ގޮތްތައްވެސް ތަފްސީލުކޮށްދީފައެވެ.

މި އެސޯސިއޭޝަންގެ މެމްބަރުގެ ގޮތުގައި ރާއްޖޭގައި ހިންގާ ނުވަ ކޮލެޖް އޮތްކަން ފާހަގަ ކުރެވެއެވެ. އެސޯސިއޭޝަންގައި ހިމެނޭ ކޮލެޖްތަކަކީ އެވިޑް ކޮލެޖް، ކްލިޖް ކޮލެޖް، ސައިރެކްސް ކޮލެޖް، އައިލެންޑް އިންސްޓިޓިއުޓް އޮފް ޓާޝަރީ އެޑިއުކޭޝަން، މޯލްޑިވްސް ބިޒްނަސް ސްކޫލް، މަންދު ކޮލެޖް، މެޕްސް ކޮލެޖް، މައި ކޮލެޖްގެ އިތުރުން ވިލާ ކޮލެޖެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން