މިހާރު ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ގަދަ ވިއްސާރައިގެ ސަބަބުން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވާ މައްސަލަތައް މަޑުޖައްސާލަން އެ ކޯޓުން ނިންމައިފިއެވެ.

އެ ކޯޓުން މިރޭ ބުނެފައިވަނީ، ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން މާދަމާ ސަރުކާރު ބަންދުކުރުމަށް ނިންމާފައިވާތީ އާއި ވިއްސާރައިގެ ސަބަބުން ކޯޓުގެ އިމާރާތަށް ފެނުގެ އަސަރުކުރަމުންދާތީ، މާދަމާ ކޯޓުން ތާވަލުކޮށްފައިވާ އެންމެހައި މައްސަލަތައް ވަނީ ކެންސަލް ކޮށްފައި ކަމަށެވެ.

ނަމަވެސް، ބަންދާމެދު ގޮތެއް ނިންމުމުގެ މަޖިލީސްތަކާއި ކޯޓު އަމުރު ނެރުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށް ކޯޓުން ވަނީ ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ކްރިމިނަލް ކޯޓުގެ އިމާރާތަކީ ބާވެފައިވާތީ މީގެ ކުރިން ވެސް ވިއްސާރައިގެ އަސަރުކޮށްގެން ކޯޓުގެ މައްސަލަތައް މަޑުޖައްސާލަން ޖެހުނު އިމާރާތެކެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި ކުރިއަށްއޮތް 5 ދުވަހު ވެސް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ވިއްސާރަ ވާނެއެވެ. އަދި އާދަޔާއި ހިލާފަށް ގިނައިން ވާރޭ ވެހޭނެކަމަށް ލަފާކުރެވޭކަމަށާއި އޭގެ ސަބަބުން ފެންބޮޑުވުމުގެ ހާދިސާތައް ހިނގުން އެކަށީގެންވާކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

މާލެއަށް ވެސް މިއަދު ހުއްޓާނުލާ ވާރޭ ވެހުމުގެ ސަބަބުން ވަނީ ފެންބޮޑުވެ ގިނަ ޚިދުމަތްތަކަކަށް ބުރޫ އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން