ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން، ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށް ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮޕަރޭޝަނަލް ލެވެލް ތިނަކަށް ބަދަލުކޮށް ޚާއްޞަ މަސައްކަތެއް ފަށާފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ އިދާރާއިން ބުނީ، ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މާލޭގެ 55 ތަނެއްގައި ވެލި ބަސްތާ ޖެހުމާއި ފަސް ތަނަކުން ފެން ހިއްކުމާއި، ފެން ހިންދާ ޕަންޕު ފަސް ތަނެއްގައި ޖެހުމަށް އެހީތެރިވުމާއި، ފާޚާނާގެ ޖަންގުޝަނުން ފެން ބޭރުވާތީ ދެތަނަކަށް އެހީތެރިވެ ދިނުމުގެ އިތުރުން އެއްގަމު ދަތުރުފަތުރުގެ އެހީތެރިކަން ދެފަރާތަކަށް ފޯރުކޮށްދީފައިވާނޭ ކަމަށެވެ.

އަދި ހުޅުމާލެ މުޙައްމަދު ގާސިމް ޕްރީ ސްކޫލަށް ފެންވަންނާތީ ވެލިބަސްތާ ޖަހައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކޮށްފައިވާއިރު ނެއިބަހުޑް އޮފިސަރުން ގޭބިސީތަކަށް ޒިޔާރަތްކޮށް ރައްކާތެރިވުމަށް މައުލޫމާތު ހިއްސާކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންކަމަށް ވަނީ ބުނެފައެވެ.

އަތޮޅު ތެރޭގެ ރަށްރަށުގައި ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ހދ. ނެއްލައިދޫ، ހދ. ކުޅުދުއްފުށި، ހދ. ނޮޅިވަރަން، ހދ. ނޮޅިވަރަންފަރު، ހއ. ދިއްދޫ، ހއ. ތުރާކުނު، ހއ. އުލިގަމު، ހއ. އިހަވަންދޫ، ހއ. ކެލާ، ހއ. ބާރަށް، ނ. މަނަދޫ، ރ. ވާދޫ، ބ. މާޅޮސް، ދ. ހުޅުދެލި، މ. މުލަކު، އައްޑޫ ސިޓީ ގައި ވިއްސާރައިގެ ސަބަބުން އެކިވަރުގެ ގެއްލުންވި ތަންތަނަށް އެހީތެރިކަން ފޯރުކޮށްދީފައިވާނޭކަމަށް ފުލުހުން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން