ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް
ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް
ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް އެ މަގާމުން ވަކިކުރުމުގެ މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ ރިޔާސަތުން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.

ޝަމީމް މަގާމުން ވަކިކުރަން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް އިއްޔެ ހުށަހެޅުއްވީ ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވާ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދެވެ.

މަޖިލީހުގެ ގަވައިދު މިހާރު އޮންނަ ގޮތުން ޕީޖީގެ މަޤާމުން ޝަމީމް ވަކިކުރުމުގެ މަސައްކަތް ފަށަން ޖެހެނީ ޖުޑިޝަރީ ކޮމިޓީންނެވެ. އެހެންކަމުން އެ މައްސަަލަ އެންމެ ފުރަތަމަ ހުށަހެޅީވެސް އެ ކޮމިޓީ އަށެވެ.

އަދި އިއްޔެގެ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ އެ މައްސަލަ އެެޖެންޑާކޮށް އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށައެޅުމަށްޓަކައި މަޖިލީހުގެ ރިޔާސަތަށް ފޮނުވުމަށް ފާސްކޮށްފައެވެ.

މަޖިލީހުގެ ތަޅުމަށް މިއަދު މައްސަލަ ހުށަހެޅިއިރު ޕީޖީ ޝަމީމަށް ކުރެވޭ ގިނަ ތުހުމަތުތަކެއް މަޖިލީހުގެ ތަޅުމުގައި އަމީންއާންމު ވަނީ އިއްވާފަ އެވެ. މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހެޅުމާއެކު މައްސަލަ އިތުރަށް ދިރާސާކުރުމަށް މިމައްސަލަ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ފޮނުއްވީ ޖުޑިޝަރީ ކޮމިޓީ އަށެވެ.

ޝަމީމް ވަކިކުރަން ޝާހިދު ހުށަހެޅި މައްސަލައިގައި ގިނަ ސަބަބުތަކެއް ހިމަނާފައި ވެއެވެ.

އޭގެ ތެރޭގައި ކޮވިޑްގެ ވެންޓިލޭޓަރުގެ ހިޔާނާތުގެ މައްސަލައިގައި ދައުވާ ނުކުރަން ނިންމުމާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކުރި ޖިންސީ ގޯނާގެ ތުހުމަތުތަކުގެ މައްސަލައިގައި އެންމެ ފަހުން ދައުވާ ނުކޮށް ފައިލްކުރުމާއި އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ޝާމިލުވިކަމަށް ތުހުމަތު ކުރެވުނު ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްސަލަ ފައިލްކުރިކުރުން ހިމެނެ އެވެ.

ހަމައެއާއެކު ބަނގުރާ ބުއިމާ ބެހޭ 71 މައްސަލައެއް ޝަމީމުގެ ޕީޖީ ކަމުގައި ކޯޓުތަކުން އަނބުރާ ގެނެސްފައިވާ ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ. އަދި އިންސްޓަގްރާމުގައި ބަނގުރާ ފުޅިއަކާއެކު ޝަމީމް ޕޯސްޓް ކުރުމާއި އޭގެ އިތުރުން ޕީޖީގެ މުވައްޒަފުންގެ މެދުގައި ތަފާތުކުރުންތައް ގެންގުޅޭ ކަމަށް ވެސް ތުހުމަތުކޮށްފައި ވެއެވެ.

ޝަމީމް މަޤާމުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ފަށާފައިވާއިރު ޝަމީމް ޕީޖީގެ މަގާމަށް އައްޔަންކުރެއްވީ 8 ޑިސެމްބަރު 2019 ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން