އިނގިރޭސިވިލާތުގައި މާސްޓަރސް ޕްރޮގްރާމް ހާސިލުކުރަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު ފަހިކޮށްދިނުމަށް އެގައުމާއެކު ރާއްޖެއިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދޭ "ޝިވްނިންގ/މޯލްޑިވިސް ސްކޮލަރޝިޕް" އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާއާއި އިނގިރޭސި ސަރުކާރާ ދެމެދުގައެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވީ އެވުޒާރާއިން މަސައްކަތްކުރަމުން ދަނީ ދިވެހި ޒުވާނުން އެކި ދާއިރާތަކަށް ހޭލުންތެރިކުރުވައި، ޒުވާނުންގެ ވިސްނުން ތަރައްޤީކުރުމާއި، ދިވެހިރާއްޖޭގެ މުސްތަޤްބަލް ބިނާ ކުރުމަށް ކަމަށެވެ.

ވަޒީރު ވިދާޅުވީ ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމު ފުރިހަމަކުރުމަށްފަހު ރާއްޖެ އެނބުރި އަންނަ ޒުވާނުންނަކީ އެކި ގޮންޖެހުންތަކުން އަރައިގަނެވޭ، 21 ވަނަ ގަރުނަށް ބޭނުންވާފަދަ ހުނަރުތަކުން ފުރިގެންވާ ހަރުދަނާ ޒުވާނުންތަކެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އިނގިރޭސި ވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ކެރޮން ރޮސްލާ ވިދާޅުވީ އިނގިރޭސި ދަޢުލަތުން ދިވެހިރާއްޖެއަށް ދޫކުރާ ސްކޮލަޝިޕްތަކުގެ އަދަދު އިތުރުވުމަކީ އުފާކުރައްވާ ކަމެއްކަމަށެވެ. އަދި މި ސްކޮލަޝިޕްތަކަކީ ދިވެހިރާއްޖޭގެ ތަރައްޤީއަށް އެންމެ މުހިއްމު ދާއިރާތަކުން ދޫކުރާ ސްކޮލަޝިޕްތަކެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.

ކެރޮން ރޮސްލާ ވިދާޅުވީ މިއަދު ސޮއިކުރެވިގެން ދިޔަ ސްކޮލަޝިޕްގެ ފުރުސަތުތަކަކީ ދިވެހި ދަރިވަރުންނަށް އެކި ސަޤާފަތްތަކާއި އާދަކާދައިގެ އިތުރުން އަމަލީ ތަޖުރިބާ ހާޞިލުކުރުމަށް ލިބޭ ފުރުސަތެއްކަމަށެވެ.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާއިން ބުނީ މި އެއްބަސްވުމުގެ ދަށުން ދިވެހި ހަތަރު ދަރިވަރަކަށް އިނގިރޭސި ސަރުކާރުގެ ޚަރަދުގައި، އެ ޤައުމުގައި ކިޔެވޭނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން