ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ދިވެހިރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމާއި ބެހޭ ބިލުގެ ކޮމިޓީ މަސައްކަތް މަޖިލީހުން މިއަދު ނިންމާލައިފިއެވެ.

ސަރުކާރުގެ ފަރާތުން ދަނގެތި ދާއިރާގެ މެންބަރު އަބްދުﷲ ރަޝީދު ފަތުރުވެރިކަމާބެހޭ ޤާނޫނަށް ހުށައަޅުއްވާފައިވާ އިސްލާހުގައި ވަނީ ޓޫރިސްޓް ރިސޯޓުތައް ހެދުމަށް ދޫކޮށްފައިވާ ރަށްތަކާއި ބިންތަކުގެ މުއްދަތު އިތުރުކުރަން ފީ ދެއްކުމުގެ މުއްދަތަށް ބަދަލުތަކެއް ގެނައުމަށެވެ.

އެގޮތުން ސަރުކާރުން ހުށައަޅާފައިވަނީ ހަ މަސް ދުވަހުގެ ތެރޭގައި ފައިސާ ދައްކާ ހަލާސްކުރަން އެއްބަސްވާނަމަ މުއްދަތު އިތުރު ކުރާ ކޮންމެ އަހަރަކަށް 100،000 ޑޮލަރު ދެއްކުމަށެވެ. އަދި ހަ މަސް ދުވަހަށްފަހު ފައިސާ ދައްކާ ހަލާސްކުރަން އެއްބަސްވާނަމަ މުއްދަތު އިތުރުކުރާ ކޮންމެ އަހަރަކަށް 200،000 އެމެރިކާ ޑޮލަރު ދެއްކުމަށް ސަރުކާރުން ވަނީ އިސްލާޙު ހުށައަޅާފައެވެ.

އޭގެ އިތުރުން ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރު ކުރުމަށް އެދޭނަމަ 6 މަސް ދުވަހުގެ ތެރޭގައި މުއްދަތު އިތުރު ކުރުމުގެ ފީއެއްގެ ގޮތުގައި ފަސް މިލިއަން ޑޮލަރު އެކީ އެއްފަހަރާ ދެއްކުމަށާއި ހަ މަސް ދުވަހަށްފަހު ފީ ދައްކާނަމަ ފީއެއްގެ ގޮތުގައި 10 މިލިއަން ޑޮލަރު އެއްފަހަރާ ދައްކަންޖެހޭ ގޮތަށް ހެދުމަށް ސަރުކާރުން ހުށަހަޅާފައިވެއެވެ.

މި ބިލަށް މެންބަރުން ޖަލްސާގައި ބަހުސް ކުރެއްވުމަށްފަހު ބިލު މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވުމަށް ފާސްކުރީ 75 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

އޭގެ ފަހުން މިއަދު ކުރިއަށް ގެންދިޔަ މުޅި މަޖިލީހުގެ ކޮމިޓީގައި ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ހުށަހެޅުއްވީ ބިލަށް އިތުރަށް އިސްލާހު ގެނައުމެއްނެތި ކޮމިޓީން ބިލް ފާސްކުރުމަށެވެ.

އެގޮތުން ބިލް އޮތްގޮތަށް އެއްވެސް އިސްލާހެއް ނުގެނެސް މަޖިލީހުގެ ތަޅުމަށް ފޮނުވަން މުޅި މަޖިލީހުގެ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި 76 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން