ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ޙުސައިން (ޑްރީމްސް އިއްބެ)
ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ޙުސައިން (ޑްރީމްސް އިއްބެ)
ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހި ޒުވާނުން ފިޔަޖަހާތަން ދާދިއަވަހަށް ފެންނާނެ ކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ޙުސައިން (ޑްރީމްސް އިއްބެ) ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ދަނގެތި ދާއިރާގެ މެންބަރު އަބްދުﷲ ރަޝީދު ފަތުރުވެރިކަމާބެހޭ ޤާނޫނަށް ހުށައަޅުއްވާފައިވާ އިސްލާހުގެ ބަހުސްގައި ޑްރީމްސް އިއްބެ މިއަދު ވިދާޅުވީ މި ސަރުކާރަކީ ޒުވާނުންނަށް ކުރިމަގު ހޯދައިދޭނެ ސަރުކާރު ކަމަށެވެ. އެގޮތުން އިއްޔެ އެކުލަވާލި ޒުވާނުންގެ ޤައުމީ ލަފާދޭ މަޖިލީހަކީ އެކަމުގެ ހެއްކެއް ކަމަށް އިއްބެ ވަނީ ވިދާޅުވެފައެވެ.

ހަމައެއާއެކު ފަތުރުވެރިކަމުގެ ޤާނޫނަށް ސަރުކާރުން ހުށައަޅާފައިވާ އިސްލާޙާއެކު ޒުވާނުންނަށް ފަތުރުވެރިކަމުގެ ދާއިރާގައި އިތުރު ދޮރުތައް ހުޅުވިގެންދާނެ ކަމަށާއި ސަރުކާރުގެ ސިޔާސަތުތައްވެސް ބައްޓަން ވެފައިވަނީ ޒުވާނުންނަށް ފަހިކޮށް ކަމަށް އިއްބެ ވިދާޅުވިއެވެ. ދިވެހި ޒުވާނުންނަކީ ހީވާގި ކެރޭ މުރާލި ބައެއް ކަމަށާއި ޒުވާނުންގެ އަތުގައި ނެތީ ފައިސާ ކަމަށް ވިދާޅުވެ އިއްބެ ވަނީ ޒުވާނުންނަށް ފުރުސަތުތައް ހޯއްދަވައި ދެއްވުމަށް ރައީސް މުޢިއްޒު ކުރަށްވާ މަސައްކަތަށް ޝުކުރު އަދާކުރަށްވާފައެވެ.

“އަޅުގަނޑު ދަންނަވާނީ މިއޭ ޒުވާނުންގެ ރައީސް އަކީ. މިއޭ ޒުވާނުންނަށް ހެޔޮ ވިސްނުމަކީ. މިއޭ ޒުވާނުންގެ މުސްތަޤްބަލް އުޖާލާ ކުރެއްވުމަށް ނިންމަވާ ނިންމެވުންތަކަކީ.. الله ސުބުޙާނަހޫ ވަތަޢާލާގެ ހެޔޮ ރަޙްމަތުން އަޅުގަނޑުމެންނަށް މި ޤައުމުގެ ޒުވާނުން ޓުއަރިޒަމް އިންޑަސްޓަރީގައި ފިޔަޖަހާތަން ދާދިއަވަހަށް ފެނިގެންދާނެ.” ޑްރީމްސް އިއްބެ މިއަދު ވިދާޅުވެފައިވެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ މިހާރުގެ ޙާލަތަށް އަލިއަޅުވާލައްވަމުން އިއްބެ ވިދާޅުވީ ރާއްޖޭގެ ރަންބިސްއަޅާ ކުކުޅުން ދިވެހި ރައްޔިތުންނަށް ވެލިފުކެއްގެ މިންވަރުވެސް ނުލިބޭކަމަށެވެ. އަދި އެގޮތަށް އެކަން ދިމާވެފައިވަނީ ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ނެތުމުން ކަމަށާއި އިންވެސްޓަރުން ރިސޯޓުތަކަށް އިންވެސްޓްކުރުމަށް ފައިސާ ހޯދަންޖެހެނީ ބޭރުގެ ބޭންކް ތަކުންކަން އިއްބެ ފާހަގަ ކުރެއްވިއެވެ.

އެހެންނަމަވެސް ޤާނޫނަކުން ބަނދެގެން ކޮންމެ ކަމެއް އިންވެސްޓަރުންނަށް މަޖުބޫރު ނުކުރި ނަމަވެސް އެބޭފުޅުން ދިވެހިންނަށް މަންފާވާގޮތަށް ޚިދުމަތް ކުރަންޖެހޭނެ ކަމަށް އިއްބެ ވިދާޅުވިއެވެ. ހަމައެއާއެކު ރިސޯޓްތަކަށް އިންވެސްޓް ކޮށްފައިވާ ފަރާތްތަކުން ބޭނުންކުރަމުން ދަނީ ދިވެހިންގެ ރަށްތައް ކަމަށް ވިދާޅުވެ އިއްބެ ވަނީ އިންވެސްޓަރުންގެ ޒިންމާއެއް އޮތްކަން ހަނދާން ކޮށްދެއްވާފައެވެ.

“އަޅުގަނޑުމެންނަށް ލިބިފައިވާ އެންމެ ބޮޑު ނިޢުމަތަކީ މި ޖަޒީރާ ކުދި ރަށްތަކާއި މި ކަނޑުފަޅުތައް ކަމަށްވާއިރު މިތަންތަނުން ލިބޭ މަންފާ އަޅުގަނޑުމެން ރައްޔިތުންނަށްވެސް ހަމައަގު ލިބޭނެ ގޮތަށް ތިބޭފުޅުން ވިސްނަވައިގެން ތިބޭފުޅުން އެކަން ކުރެއްވުމަކީ ތިބޭފުޅުންގެ ޒިންމާއެކޭ.” މިއަދުގެ ޖަލްސާގައި އިއްބެ ވިދާޅުވިއެވެ.

އޭގެ އިތުރުން މިއަދުގެ ޖަލްސާގައި އިއްބެ ވަނީ ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތްކުރާ ބިދޭސީންނާއި ދިވެހީންގެ މެދުގައި މެނޭޖްމަންޓުތަކުން ގެންގުޅޭ ތަފާތުކުރުންތައް ނައްތާލުމަށާއި ދިވެހިންވެސް ޤައުމަށް ފައިދާހުރި މަސައްކަތްތަކުގައި އެއްބައިވެ އެކަތިގަނޑަކަށް ވުމަށް ހަރުއަޑުން ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން