ސަރުކާރުން ޓޫރިޒަމް ދާއިރާއަށް އަޅާނުލާ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު، އަޙްމަދު ދީދީ ވިދާޅުވެއްޖެއެެވެ.

ރާއްޖެ ޓީވީގައި މިރޭ ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި މަރަދޫ ދާއިރާގެ މެންބަރު އަޙްމަދު ދީދީ ވިދާޅުވީ، މި ސަރުކާރުން ޓޫރިޒަމް ދާއިރާ އާއި އެދާއިރާގެ މުވައްޒަފުންނަށް އަޅާލާ ތަން ފެނިވަޑައިނުގަންނަވާ ކަމަށެވެ. މެންބަރު ދީދީ ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އެތައް ގުނައަކަށް އެނދުތައް އިތުރުވަމުންދާ މިވަގުތަކީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް އިންތިހާއަށް މަސައްކަތް ކުރަންޖެހޭ ދަނޑިވަޅެއް ކަމަށެވެެ. އެހެން ނަމަވެސް މި ދަނޑިވަޅުގައި ވެސް ސަރުކާރަށް ޓޫރިޒަމް ދާއިރާ ޕްރޮމޯޓްކުރަން އެކަށީގެންވާ މަސައްކަތް ނުކުރެވޭ ކަމަށް ދީދީ ވިދާޅުވިއެވެ.

"ވަރަށް ބޮޑަށް ޓޫރިޒަމް މާކެޓް ކުރުމުގައި މުޅި ޓޫރިޒަމް ސިނާއަތް އޮންނަންވީ ދުވަސްވަރެއްްްގައި މި ބޭފުޅުން އެ މަސައްކަތް ނުކޮށް މިކުރައްވާ މަސައްކަތަކީ މިހާރު ތިބި އޯނަރުންގެ އަތުން ކޮންމެވެސް އެއްޗެއް އަތުލެވޭތޯ މިއުޅެނީ، އެބޭފުޅުންނަށް ވިޔަފާރި ކުރިއަރުވާނެ މަގު ދެއްކުމުގެ ބަދަލުގައި އެބޭފުޅުންގެ އަތުން ވަގުތީ ގޮތުން ފައިސާ ކޮޅެއް ނަގައިގެން ވަގުތީ ގޮތުން ސަރުކާރަށް ދަތިވެފައިވާ ދަތިވުމަށް ހައްލެއް ހޯދަން މަސައްކަތް ކުރާތަން މިފެންނަނީ،"ފަތުރުވެރިކަމުގެ ދާއިރާގެ އެކި ވަޒީފާތަކުގައި 35 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ދީދީ ވިދާޅުވިއެވެ.

މީގެ އިތުރުން އަޙްމަދު ދީދީ ވިދާޅުވީ، މި ސަރުކާރަށް ބޭރުގެ ގައުމަކުން އެއްވެސް އެހީއެއް މިހާތަނަށް ލިބިފައިނުވާކަމަށެވެ. އެގޮތުން މުވައްޒަފުންނަށް މުސާރަ ދޭނެ ފައިސާ ސަރުކާރުގައި ނެތްކަމަށާއި ދާދިފަހުން ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހު ބަލައިގަންނަން އެމްޑީޕީން ވޯޓް ދީފައިވަނީ ސަރުކާރު ފެއިލްވެގެންދާތަން ބަލަން ބޭނުންނުވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެއްވެސް ފަރާތަކުން އެހީއެއް ނުލިބި މުސާރަ ވެސް ނުދެވޭ ހާލަތުގައި އޮތް ކަމަށް ޚަބަރުތައް މިލިބެނީ، އެހެންވީމަ އަޅުގަނޑުމެން ވެސް ބޭނުމެއްނުވޭ ސަރުކާރު ފެއިލްވެެގެންދާތަން ބަލާކަށެއް، މި ސަރުކާރުން ކުރާ ކަމަކީ ރައްޔިތުންނަށް އޭގެ ގެއްލުން ނުވާ ކަމެއް ވެއްޖެއްޔާ އަޅުގަނޑުމެން އެކަމަށް ސަޕޯޓް ދޭނަން، އެގޮތުގެ މަތިން އެބިލަށް އަޅުގަނޑުމެން މި ސަޕޯޓްކުރީ" ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ޓޫރިސްޓް ރިސޯޓު ހިންގަން ދޫކޮށްފައިވާ ރަށްތަކާއި ބިންތައް ކުއްޔަށް ދޫކުރާ މުއްދަތު އިތުރުކުރާނަމަ، ފައިސާ ދައްކަންޖެހޭ މުއްދަތު ދެ އަހަރުން ހަ މަހަށް ކުރުކުރަން ހުށަހެޅި އިސްލާހު ފާސްކުރަން އެމްޑީޕީން ވޯޓް ދިން ސަބަބު ހާމަކުރައްވަމުން ދީދީ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން