ލޭނު މަސްވެރިކަން ކުރަން ހުއްދަދީފިނަމަ މަސްވެރިކަމާއި ޓޫރިޒަމަށް އޭގެ ގެއްލުންވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިހެން ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ބޮޑުކަންނެލި އަދި ލޯބޮޑު ކަންނެއްޔަށް އަމާޒުކޮށްގެން ލޭނު މަސްވެރިކަން ކުރުމުގެ ފުރުސަތު ހުޅުވާލުމަށް ވަޒީރުންގެ މަޖިލީހުން ނިއްމާފައިވަނިކޮށެވެ. ސަރުކާރުގެ އެ ނިއްމުމާ ދެކޮޅުކަން ހާމަކުރައްވައި "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ ލޭނުގެ މަސްވެރިކަމުގެ ސަބަބުން ގިނަ އަދަދެއްގެ މަޑި އާއި ކޯމަހާއި މިޔަރު އަދި ކަނޑުމަތީ ދޫނިތައް ގިނަ އަދަދަކަށް ހިފޭނެ ކަމަށެވެ. އޭގެ ސަބަބުން ޓޫރިޒަމާއި މަސްވެރިކަމަށް ގެއްލުންވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ބޮޑުކަންނެލި އަދި ލޯބޮޑު ކަންނެއްޔަށް އަމާޒުކޮށްގެން ލޭނު މަސްވެރިކަން ކުރުމުގެ ފުރުސަތު ހުޅުވާލުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވަނީ މިދިޔަ މާޗު މަހު ތެރޭގައެވެެ.

ފިޝަރީޒް މިނިސްޓްރީން މިހާރު ވަނީ ލޭނުމަސްވެރިކަން ކުރުމާ ބެހޭ ގަވާއިދެއް އެކުލަވާލައި އާންމުންގެ ޚިޔާލަށް ވެސް ހުޅުވާލާފައެވެ.

ލޭނުމަސްވެރިކަން ކުރުމާ ބެހޭ ގަވާއިދުގައި ލޭނުގައި ޖެހި މަރުވާ މިޔަރު ޕްރޮސެސްކޮށް، ބޭރުކުރުމުގެ ހުއްދަ ވަނީ ދީފައެވެ. ނަމަވެސް ލޭނު މަސްވެރިކަން ކުރުމަށް ލައިސަސްދީފައިވާ އުޅަނދު ފަހަރުގައި ސީދާ މިޔަރަށް އަމާޒުކޮށް މަސްވެރިކަން ކުރުމަކީ މަނާކަމެއްގެ ގޮތުގައި ގަވައިދުގައި ބުނެފައިވެއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން