ރާއްޖެ އެތެރެވާ ބިދޭސީންނަށް ދައްކަންޖެހޭ އެކިކަހަލަ ފީތައް ނުދައްކާ ފަރާތްތަކަށް, ބިދޭސީންނާއި ގުޅޭ ހިދުމަތްތައް ދިނުމަށް ސަރުކާރުން ގާއިމް ކޮށްފައިވާ އެކްސްޕެޓް ސިސްޓަމުން ދޭ ހިދުމަތްތަކުން ސަސްޕެންޑް ކުރަން ނިންމައިފިއެވެ.

މިކަން ހާމަކޮށް ހޯމް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ, ބިދޭސީންނަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާ އެއްލައްކަ ރުފިޔާއަށްވުރެ ބޮޑުވެ, ސަރުކާރަށް އެ ފައިސާ ނުދައްކާ ކުންފުނިތަކުން ފައިސާ ދެއްކުމަށް މި މަހުގެ 12 ވަނަ ދުވަހާއި ހަމައަށް ސުންގަޑި ދެވުނު ކަމަށެވެ.

އޭރު ހުޅުވާލި ފުރުސަތާއިއެކު ގިނަ ކުންފުނިތަކުން ފައިސާ ދައްކާފައިވާކަން ފާހަގަކޮށް މިނިސްޓްރީން ބުނީ ދެން ނުލިބިހުރި ފައިސާއިން ވެސް ބޮޑުބައެއް ސަރުކާރަށް ލިބޭނެކަމަށް ފެންނާތީ ފައިސާ ދެއްކުމަށް ދިން މުއްދަތު މި މަހުގެ 31 އާއި ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

ނަމަވެސް, އެ މުއްދަތުގައި ވެސް ފައިސާ ނުދައްކާ ފަރާތްތައް ތިބިނަމަ, ބިދޭސީންނާއި ގުޅޭ އެކި ހިދުމަތްތައް ދިނުމަށް ތައްޔާރުކޮށްފައިވާ އެކްސްޕެޓް ސިސްޓަމުން އެފަދަ ފަރާތްތައް ސަސްޕެންޑް ކުރާނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ބިދޭސީންގެ މައްސަލައަށް އެދެވޭ ހައްލެއް ގެނައުމަށްޓަކައި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންނާއި މެދު ހަރުކަށި ފިޔަވަޅު އަޅާނެކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން