ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުޢާޒު މުޙައްމަދު ރަޝީދު.
ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުޢާޒު މުޙައްމަދު ރަޝީދު.
އައިސް ޕްލާންޓްތައް ދޫކޮށްލުމުގެ މަރުހަލާ ނިމެންދެން މަސްވެރިންނަށް މެދުނުކެނޑި އައިސް ފޯރުކޮށްދޭނެކަމަށް ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުޢާޒު މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.



މުޢާޒު މިހެން ވިދާޅުވެފައިވަނީ އައިސްޕްލާންޓްތައް މިފްކޯގެ ދަށަށް ބަދަލުކުރުމުގެ މަރުހަލާގެ އިންތިޒާމްތައް ހަމަޖެއްސުމާއި ގުޅޭގޮތުން ފެނަކަ ކޯޕަރޭޝަންގެ އިސްވެރިންނާއި ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމްއާއި އަދި މިނިސްޓްރީގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

މީގެ ދެހަފުތާ ކުރިން ފެނަކަ ކޯޕަރޭޝަންގެ ބޯޑުންވަނީ މީގެ ކުރިން އެކުންފުނިން ކުރިޔަށް ގެންދިޔަ އައިސްޕްލާންޓް ޤާއިމުކުރުމުގެ މަޝްރޫއުތަކާއި، އެކުންފުނީގެ ދަށުގައިވާ އައިސްޕްލާންޓުތައް ހިންގުން ހުއްޓާލައި، މިފްކޯގެ ދަށަށް ބަދަލުކުރަން ނިންމާފައެވެ.

ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުޢާޒު ވިދާޅުވެފައިވާ ގޮތުގައި ފެނަކައިން އައިސްޕްލާންޓްތައް ހިންގުން ހުއްޓާލަން ނިންމި މައިގަނޑު ސަބަބު ތަކުގެ ތެރޭގައި، އެމަޝްރޫއުގެ ސަބަބުން ކުންފުންޏަށް ބޮޑެތި ގެއްލުންތައް ވަމުންދިއުމާއި، ކުންފުނީގައި އައިސް ޕްލާންޓް ހިންގުމުގެ ފަންނީ ޤާބިލުކަން ނެތުމާއި އަދި އެ މަސައްކަތަކީ ކުންފުނީގެ މޭންޑޭޓާއި ޚިލާފުވެސް މަސައްކަތަކަށްވުން ހިމެނޭކަމަށެވެ.

މުޢާޒު ވިދާޅުވީ އައިސް ޕްލާންޓްތަކުން އޮޕަރޭޝަނަލީ އަހަރަކު ގާތްގަނޑަކަށް 12 ވަރަކަށް މިލިއަން ރުފިޔާ ގެއްލުން ވަމުން އައިސްފައިވާ ކަމަށެވެ. އެގޮތުން މިހާރުގެ މެނޭޖްމަންޓުން ވަނީ ކުންފުންޏަށް ގެއްލުންވާނެ އެއްވެސް ކަމެއް ކުރިއަށް އޮތް ތަނުގައި ނުކުރަން ނިންމާފައި ކަމަށާއި އެހެންވެ، އައިސް ޕްލާންޓްތައް އޮޕަރޭޓް ކުރުންވެސް ނިމުމަކަށް ގެނެސްފައިވާކަމަށަ މުޢާޒު ވިދާޅުވެފައިވެއެވެ.

ފެނަކައިގެ ޚަރަދު ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް ކުންފުނިން އަޅަމުން އަންނައިރު ފެނަކައިގެ އަމާޒަކީ 2027 ވަނަ އަހަރު ނިމުމުގެ ކުރިން ދަރަނިތައް ޚަލާސްކޮށް ފައިދާ ނެރެވޭނެ ކުންފުންޏަކަށް ހެދުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން