ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް
ސްކޫމްގެ މައްސަލަތަކުގައި އެކައުންޓްގައި ހުންނަ ފައިސާ ހިފަހައްޓަން ފުލުހުންނަށް އަމުރު ނެރެވޭ އިސްލާހެއް ޖިނާއީ އިޖުރާޢަތުގެ ޤާނޫނަށް ހުށައަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ހުށައެޅުއްވި މިބިލު މަޖިލީހަށް ތަޢާރަފްކުރުން މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

މެންބަރު މުޙައްމަދު އިބްރާހިމް ޖިނާއީ އިޖުރާތުގެ ގާނޫނަށް މި ފަދަ އިސްލާޙެއް ހުށައަޅުއްވާފައިވަނީ ސްކޭމްތައް ހުއްޓުވުމަށް އެފަދަ ގާނޫނީ ހައްލަކަށް ފުލުހުންގެ ފަރާތުން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް (އެސްއޯއީ) ކޮމިޓީގައި އެދުމާ ގުޅިގެންނެވެ.

މުޙައްމަދު އިބްރާހިމް ޖިނާއީ އިޖުރާޢަތުގެ ގާނޫނުގެ 73 ވަނަ މާއްދާގެ (ހ)އަށް ހުށަހެޅުއްވި އިސްލާހުގައި މަކަރާއި ހީލަތުން ނުވަތަ ސްކޭމަކުން އެކައުންޓުގެ ވެރިފަރާތަށް އޮޅުވާލައިގެން ފައިސާ ނަގަމުންދާ މައްސަލަތަކުގައި އެކައުންޓެއްގެ ވެރިފަރާތް ނުވަތަ ތިން ވަނަ ފަރާތެއްގެ ހައްގު ރައްކާތެރިކުރުމުގެ ގޮތުން ފުލުހުންނަށް ފިޔަވަޅު އެޅުމުގެ ބާރު ދިނުމަށް ހިމަނާފައިވެއެވެ.

އެގޮތުން އެކައުންޓުގައިވާ ފައިސާ ނުވަތަ ފައިސާ ޓްރާންސްފާ ކޮށްފައިވާ އެހެން އެކައުންޓުތަކުގެ ފައިސާ ހިފެހެއްޓުމަށް ނުވަތަ އެ ފައިސާއިން މުއާމަލާތް ކުރުން ހުއްޓުވުމުގެ އަމުރެއް ފުލުހުންނަށް ނެރެވިދާނެ ކަމަށާއި އެފަދަ އަމުރެއް ފުލުހުންގެ ފަރާތުން ނެރެވޭނީ، ސަބް އިންސްޕެކްޓާ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީ އޮފިސަރަކަށް ކަމަށް ވަނީ ބަޔާން ކޮށްފައެވެ.

އޭގެއިތުރުން އަމުރު ނެރެފައިވާކަން ލަސްނުކޮށް އެކައުންޓު ހުޅުވާފައިވާ ބޭންކަށް ނުވަތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަށް އަންގަންވާނެ ކަމަށް އިސްލާޙުގައި ވެއެވެ.

މިހާރު ޢަމަލު ކުރަމުންދާ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާގައި ތިން ހާލަތެއްގައި ބޭންކް އެކައުންޓާއި އެ އެކައުންޓުން ކުރާ މުއާމަލާތްތައް މޮނީޓާކުރުމަށް ކޯޓު އަމުރަކަށް އެދުމުގެ ބާރު ފުލުހުންނަށް ލިބިދީފައިވެއެވެ. ނަމަވެސް އޭގެ ތެރޭގައި ސްކޭމްގެ މައްސަލަތަކެއް ނުހިމެނެއެވެ.

މެންބަރު މުޙައްމަދު އިސްމާޢީލް ހުށައެޅުއްވި އިސްލާޙުގައި ވަނީ އެ އިސްލާހަށް އަމަލު ކުރަން ފަށާނީ ބިލު ގާނޫނަކަށްވެ، ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރާ ދުވަހުން ފެށިގެން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން