ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު
ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު
ރާއްޖޭގައި ލޭނު މަސްވެރިކަން ހުއްދަކުރުމާ ދެކޮޅަށް ހުށައެޅި ކުއްލި މައްސަލަ މަޖިލީހުގެ ތަޅުމުން ބޭރުކޮށްލައިފިއެވެ.

ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު މިއަދުގެ މަޖިލީހުގެ ޖަލްސާއަށް ހުށައަޅުއްވާފައިވަނީ ލޭނުގެ މަސްވެރިކަން ކުރަން ހުއްދަދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުން ބާތިލުކުރުމަށެވެ.

މައުރޫފް ޒާކިރު ހުށައެޅުއްވި މައްސަލާގައި ބުނެފައިވަނީ ކުރީގެ ސަރުކާރުތަކުންވެސް ލޭނުގެ މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމަށް ނިންމި ނަމަވެސް އެނިންމުން ތަންފީޒުކޮށްފައި ނުވަނީ ކަނޑުގެ އެތައް ދިރުމެއް ނެތިދިޔުމުގެ ބިރު ހީވެފައި އޮތުމުންކަމަށެވެ.

އަދި ރާއްޖެފަދަ އިޤްތިޞާދީގޮތުން ނާޒުކު ޤައުމެއްގައި ލޭނުގެ މަސްވެރިކަން ހުއްދަ ކޮށްފިނަމަ މަސްވެރިކަމާއި ފަތުރުވެރިކަމުގެ ސިނާއަތަށްވެސް ނުރަނގަޅު އަސަރުތަކެއް ކުރާނެ ކަމަށް މައުރޫފް ވިދާޅުވިއެވެ. އަދި އެކަމުގެ ކަންބޮޑުވުން މަސްވެރިންނާއި ފަތުރުވެރިކަމުގައި ދާއިރާގައި މަސައްކަތް ކުރާ އެތައް ބައެއްގެ އެބައޮތްކަމަށް މައުރޫފްގެ ކުއްލި މައްސަލާގައިވެއެވެ.

“މިކަން ކުރުމުގެ ހުއްދައާއި ކޯޓާ ލިބުމުގެ ފުރުސަތު އެންމެ ބޮޑަށް ފަހިވެގެންދަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ބޮޑެތި ވިޔަފާރިތަކަށް. މި ކޯޓާ ހޯދުމުގެ ފުރުސަތު ދިވެހި އާއްމު މަސްވެރިންނަށް ނުލިބުމުގެ ނަތީޖާއަކަށްވާނީ އެމީހުންގެ އާމްދަނީއަށާއި ވިޔަފާރިތައް ބަނގުރޫޓްވުން.” މައުރޫފްގެ ކުއްލި މައްސަލާގައި ފާހަގަ ކޮށްފައިވެއެވެ.

މި މައްސަލައަށް ބަހުސްކުރަން މަޖިލީހަށް ބަލައިގަންނަން ފެނޭތޯ ނެގި ވޯޓްގައި ނުފެންނަކަމަށް 47 މެމްބަރުން ވަނީ ވޯޓް ދެއްވާފައެވެ. އެހެންކަމުން އެ މައްސަލަ ވަނީ މަޖިލީހުން ބޭރުކޮށްލާފައެވެ. މިމައްސަލަ ބަލައިގަތުމަށް ފެންނަކަމަށް ވޯޓް ދެއްވީ 11 މެމްބަރުންނެވެ.

މި މައްސަލަ މަޖިލީހުން ބޭރުކޮށްލާފައިވާއިރު ދިވެހިރާއްޖޭގެ ކަނޑުތަކުގައި ލޭނުގެ މަސްވެރިކަން ކުރުމަށް ހުއްދަ ދިނުމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ގެންގުޅޭ ވިސްނުން ބަދަލު ކުރުމަށް ރާއްޖޭގެ ތިމާވެށީގެ ދާއިރާގައި ޙަރަކާތްތެރިވާ 18 ޖަމިއްޔާއަކުން ސަރުކާރަށް ވަނީ ގޮވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން