ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއެކު ސައިބަރ ސެކިއުރިޓީގެ ދާއިރާއިން ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުން ރާއްޖެއިން މަޝްވަރާކޮށްފިއެވެ.

ޔޫއޭއީގެ މަތީ ފަންތީގެ ވަފުދުގެ ބޭފުޅުންނާއެކު ބޭއްވި މި މަޝްވަރާތަކުގައި ޔޫއޭއީގެ ސައިބަރ ސެކިއުރިޓީ ކައުންސިލްގެ އިސްވެރިޔާ ޑރ. މުހައްމަދު އަލްކުވައިތީ އާއި ރާއްޖޭގެ ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ބައިވެރިވެވަޑައިގެންނެވިއެވެ.

ހޯމް މިނިސްޓްރީން ބުނީ އެ ބައްދަލުކުރެއްވުމުގައި ސައިބަރ ސެކިއުރިޓީގެ ދާއިރާއިން ގުޅިގެން މަސައްކަތްކޮށް އެއްބާރުލުން ދިނުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށާއި އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮޕަރޭޝަނަލް ކެޕޭސިޓީ ހަރުދަނާ ކުރުމަށާއި، ސައިބަރ ސެކިއުރިޓީ ހަރުދަނާ ކުރުމަށް ޔޫއޭއީ ސަރުކާރުން ދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައި ވާ ކަމަށެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ މި މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ޑރ. އަލްކުވައިތީ ޝައުގުވެރިކަމާއެކު ދެއްވަމުން ގެންދަވާ އެހީތެރިމަށް އޭނާއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެ މަޝްރޫއުތަކުގެ ސަބަބުން ފުލުހުންގެ މަސައްކަތްތައް ހަރުދަނާކުރުމަށް ލިބޭނެ އެހީތެރިކަން ފާހަގަކުރައްވާފައެވެ.

ޑރ. އަލްކުވައިތީ ވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒޫގެ އަރިހަށް ވެސް ޒިޔާރަތްކުރައްވާފައި ކަމަށާއި އަދި ދައުލަތުގެ އެހެނިހެން އިސްވެރިންނާ ބައްދަލުކުރައްވާފައި ކަމަށް ހޯމް މިނިސްޓްރީން ބުނެފައިއެވެ. އެ ބައްދަލުވުންތަކުގައި، ޑރ. އަލްކުވައިތީ އެމިރޭޓްސްއާއި ރާއްޖެއާ ދެމެދު އޮތް އުޚުއްވަތްތެރިކަމުގެ ބަދަހި ގުޅުމަށް އަލި އަޅުއްވާލައްވައި ވާހަކަފުޅު ދެއްކެވި ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން