ރާއްޖެއަށް ކުރި ވިއްސާރައިގެ ސަބަބުން މާލޭގެ 37 ގެއަކާއި 13 ރަށަކުން 77 ގެއަކަށް ގެއްލުން ވެފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެންޑީއެމްއޭ އިން ބުނީ ހުޅަނގު މޫސުމުގެ ބާރު ގަދަވެ މިދިޔަ ހަފްތާގައި ކުރި ވިއްސާރައިގައި މާލޭގެ 37 ގޭބިސީއަކަށް އަށް ލައްކައަށްވުރެ ގިނަ ރުފިޔާގެ ގެއްލުންވެފައިވާކަމަށެވެ.

މިދިޔަ ހަފްތާގައި މުޅި ރާއްޖެއަށް ކުރި ވިއްސާރައިގައި މާލެގެ އިތުރުން ބައެއް ރަށްރަށުގައި ފެންބޮޑުވެ ބައެއް ހިސާބުތަކަށް ރާޅު އަރާފައިވާކަންވެސް ފާހަގަ ކުރެވެއެވެ. ވައިގަދަވުމުގެ ސަބަބުން ފުރާޅުއެއްލާލުމުގެ ހާދިސާތަކެއްވެސް ވަނީ ހިނގާފައެވެ.

ވިއްސާރައިގެ ސަބަބުން ދިރިނޫޅެވޭވަރަށް ގެއްލުން ލިބިގެން މާލޭގެ ފަސް ގޭބިސީއަކުން 23 މީހަކަށް ވަގުތީ ބޯހިޔާވަހިކަން އެންޑީއެންއޭއިންވަނީ ފޯރުކޮށްދީފައެވެ. އަދި އެހުރިހާ އެންމެންގެ ދިރިއުޅުމުގެ ހާލަތުވެސް މިހާރު އާއްމު ހާލަތަށް ގެނެވިފައިވާކަމަށްވެސް އެއޮތޯރިޓީން ބުނެއެވެ.

ވޭތުވެދިޔަ ހަފްތާގައި މުޅި ރާއްޖެއަށް ވިއްސާރަކޮށް، ބޯކޮށްވާރޭވެހިފައިވާއިރު ވައި ގަދަވުމުގެ ސަބަބުން ރާއްޖޭގެ ބައެއް ސަރަހައްދުތަކަށްވަނީ ރީނދޫ ސަމާލު ނެރެފައެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ، މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް މުޅި ރާއްޖެއަށް 4449.7 މިލިލީޓަރުގެ ވާރޭ ވެހިފައިވާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން