މިހާރު ފެތުރެމުންދާ މަކުނު ވިދުރިއަށް އެއާޕޯޓުގައި ސްކްރީން ކުރެވޭ ގޮތް ހަދަން ތައްޔާރުވާން ފަށައިފި އެވެ.

މަކުނު ވިދުރީގެ އާ ވޭރިއަންޓެއް ފެތުރެމުންދާތީ ކަމަށް ބުނެ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ މިދިޔަ ބުދަ ދުވަހުގެ ރޭގައެެވެ.

އެހެންވެ މަކުނު ވިދުރިއަށް ޓެސްޓުކުރުމާއި ފަރުވާ ދިނުމަށް ވާން ޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިއްޔެ އޮތީ ހާމަކޮށްފަ އެވެ.

އޭގެ ފަހުން ރޭ ޕީއެސްއެމުން ގެނެސްދިން "'ރާއްޖެ މިއަދު'" ޕްރޮގްރާމްގައި އެޗްޕީއޭގެ ޕަބްލިކް ހެލްތު ޑިރެކްޓަރު ސަނާ ސަލީމް ވަނީ ދުނިޔޭގެ އެތައް މިތަނަށް ދަތުރުކުރާ ފަރާތްތަކުގެ ކިބައިން އެ ބަލި އެއް ގައުމުން އަނެއް ގައުމަށް ފެތުުރުމުގެ ފުރުސަތު އެބައޮތް ކަމަށް ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ މިހާރު މަސައްކަތް ކުރަމުންދަނީ ރާއްޖެ އަންނަ މީހުން ފުރާ "އިމުގާ" ޑިކްލަރޭޝަން ފޯމުގައި މަކުނު ވިދުރި ފެތުރޭ ގައުމުތަކަށް ދަތުރުކޮށްފައިވޭތޯ ބަލަން ސުވާލު ހިމެނުމަށް ކަމަށެވެ.

އެހެން ނަމަވެސް އަދި އެތެރެވާ މީހުން ސްކްރީން ކުރުމަށް ޑަބްލިއުއެޗްއޯއިން އިރުޝާދު ދީފައި ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެކަމަކުވެސް އެއާޕޯޓުގައި މަކުނު ވިދުރިއަށް ސްކްރީން ކުރަން ޖެހިއްޖެ ހާލަތެއްގައި އެ ސްކްރީންތައް ކުރުމާއި، އެފަދަ ތައްޔާރީ ހާލަތަކަށް ދިޔުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވެސް ސަނާ ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން