ކާރިސާތަކުން އަރައިގަތުމަށް އަތޮޅު ތެރޭގައި އެމެޖެންސީ ސެންޓަރުތަކެއް ގާއިމުކުރަން ނިންމާފައިވާ ކަމަށް ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

އެންޑީއެމްއޭގެ ޗީފް އެކްޒެކެޓިވް ހިސާން ހަސަން ރޭ އެސްއެސްޓީވީގެ ޕްރޮގްރާމެއްގައި ވިދާޅުވީ ކާރިސާތަކާ ގުޅިގެން ރާއްޖޭގެ ދުރު ހިސާބުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި މިހާރު ދަތިތަކެއް އެބަ ހުރި ކަމަށެވެ.

އެހެންވެ އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން އަތޮޅު ތެރޭގައި އެމެޖެންސީ ސެންޓަރުތަކެއް ގާއިމުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހިސާން ވިދާޅުވި އެވެ.

އެކަމަކު އެ ސެންޓަރުތައް ގާއިމުކުރަނީ ރާއްޖޭގެ ކޮން ސަރަހައްދުތަކެއްގައި ކަމެއް އޭނާ ހާމަ ކުރައްވާފައެއް ނުވެއެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ، ކުރިއަށް އޮތް ތަނުގައި، ކާރިސާއެއްގެ ވަގުތުގައި ބޭނުންވާ އަސާސީ އަދި ޒަރޫރީ ތަކެއްޗާއި، ކުއްލި ހާލަތްތަކަށް އިޖާބަދިނުމަށް ބޭނުންވާ އެންމެހައި އާލާތްތައް، މިސާލަކަށް ޕަމްޕު، ހޮޅި އަދި މިނޫންވެސް މުހިންމު ސާމާނު، ރާއްޖޭގެ އެކި ސަރަހައްދުތަކުން ފަސޭހައިން ލިބޭނެ އިންތިޒާމް، ލިބޭނެ ގޮތަށް ހަމަޖެހިފައި ހުރުމަކީ އަޅުގަނޑުމެން ދެކެން ބޭނުންވާ ދުވަހެއް." ހިސާން ވިދާޅުވިއެވެ.

ފަހަކަށް އައިސް މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހުމާއި އުދަ އެރުމުގެ ސަބަބުން ބޮޑެތި ގެއްލުންތައް ދަނީ ލިބެމުން ނެވެ.

އެގޮތުން މިދިޔަ ހަފްތާގައި ރާއްޖެއަށް ކުރި ވިއްސާރައިގެ ސަބަބުން މާލޭގެ 37 ގެއަކާއި 13 ރަށަކުން 77 ގެއަކަށް ގެއްލުން ވެފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން (އެންޑީއެމްއޭ) އިން ރޭ ވަނީ ބުނެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން