މަނީ ލޯންޑާކުރުމާއި ޓެކުހަށް މަކަރު ހެދުމުގެ ތުހުމަތުގައި އައިޖީއެމްއެޗްގެ ޑރ. އަލީ ލަތީފުގެ މައްސަލަ ބަލަން ފުލުހަށް ހުށައަޅައިފިއެވެ.

އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެކޮމިޝަނުން ކުރި ތަހުގީގުން ހޯދި ހޯދުންތަކުން ޑރ. އަލީ ލަތީފާއި އޭނާގެ މަސްލަހަތު އޮންނަ އާރުއެމްއެލްއެސް ލެބް ސާވިސްއިން މަނީ ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ވަކި މައްސަލައެއްގެ ގޮތުގައި ޑރ. އަލީ ލަތީފާއި އާރުއެމްއެލްއެސް ލެބް ސާވިސަސްގެ މަނީ ލޯންޑަރިންގެ މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި ފުލުހުންގެ ޚިދުމަތަށް ހުށަހަޅައިފައި ވާކަމަށެވެ.

އަދި ޑރ. އަލީ ލަތީފް މީރާއަށް ހުށަހަޅައިފައިވާ ޓެކުހާ ގުޅޭ ލިޔެކިޔުންތަކަށް ބަލާއިރު ޓެކުހަށް މަކަރު ހަދައި އޮޅުވާލާފައިވާކަމަށް ތަހުގީގުން ހޯދައިފައިވާ ހޯދުންތަކުން ތުހުމަތު ކުރެވޭތީ އެ މައްސަލަ ތަހުގީގުކޮށްދިނުމަށް މީރާއަށް ވެސް ފޮނުވައިފައިވާ ކަމަށް އޭސީސީން ނެރުނު ބަޔާނުގައި ބުނެފައިވެއެެވެ.

އޭސީސީން މިއަދު ވަނީ ކޮވިޑް-19ގެ ދުވަސްވަރު ޕީސީއާރު ޓެސްޓު ހެދުމަށް އައިޖީއެމްއެޗްގެ ލެބޯޓަރީގައި ބޭނުންކުރި ރީއެޖެންޓްސް ހޯދުމުގައި، އަމިއްލަ މަސްލަހަތު ހިމެނޭ ފަރާތަކަށް ނާޖާއިޒު މަންފާ ހޯދައި ދިނުމާއި އަމިއްލައަށް ނާޖާއިޒު މަންފާ ހޯދުމުގެ މައްސަލައިގައި އައިޖީއެމްއެޗްގެ ކުރީގެ ތިން ވެރިއެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދިފައެވެ.

އެކޮމިޝަނުން ބުނީ އެމައްސަލައިގައި ދައުވާ ކުރަން އެދިފައިވަނީ ޑރ. އަލީ ލަތީފްގެ އިތުރުން އައިޖީއެމްއެޗްގެ ކުރީގެ ސީއީއޯ އިބްރާހީމް ސަލީމް، ބަންދޭގެ އިތުރުން އެ ހޮސްޕިޓަލުގެ ލެބޯޓަރީގެ ކުރީގެ ހެޑް ޑރ. މިލްޒާ އަބްދުލް މުހްސިންގެ މައްޗަށް ކަމަށެވެ. އޭސީސީން ބުނިގޮތުގައި އެ މައްސަލަތަކުގައި ޑރ. އަލީ ލަތީފާއި ޑރ. މިލްޒާއާ ގުޅިގެން ފާހަގަކުރެވުނު ކަންކަން މޯލްޑިވްސް މެޑިކަލް ކައުންސިލްގެ ސަމާލުކަމަށް ގެނެސް އަދި އެ ދެ ފަރާތާމެދު ފިޔަވަޅެއް އަޅަން ޖެހޭ ކަމަށް ވާނަމަ އެ ފިޔަވަޅެއް އެޅުމަށް ފަހު އެކަން ކޮމިޝަނަށް ހިއްސާކުރުމަށް ވެސް މިއަދު ވަނީ އަންގާފައެވެ.

ކޮވިޑް-19ގެ ދުވަސްވަރު ސިއްހީ ޚިދުމަތްތައް ދިނުމުގައި ކޮރަޕްޝަނުގެ ކުށްތައް ހިންގައިފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް މީގެ ކުރިން ވެސް އޭސީސީން ވަނީ ބަލާފައެވެ. އޭގެތެރެއިން އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވެނީ ވެންޓިލޭޓަރުގެ ކޮރަޕްޝަންގެ މައްސަލައެވެ.

އެގްޒެކިއުޓާސް ކުންފުނިން 75 ވެންޓިލޭޓަރު ވިއްކަން ވީ އެއްބަސްވުމުގެ ދަށުން ރާއްޖެ އަށް ލިބިފައިވަނީ އެންމެ 10 ވެންޓިލޭޓަރެެވެ. ނަމަވެސް، އެތަކެތި ގަތުމަށް ޚަރަދު ކުރަން ނިންމާފައިވާ 34 މިލިއަން ރުފިޔާގެ ތެރެއިން އެޑްވާންސްގެ ގޮތުގައި ބޭންކް ގެރެންޓީއާ ނުލައި 30 މިލިއަން ރުފިޔާ ވަނީ އެގްޒެކިއުޓާސްއަށް ދޫކޮށްފައިކަން އޭސީސީގެ ތަހުގީގުން ވަނީ ހާމަވެފައެެވެ.

ނަމަވެސް ކުރީ ސަރުކާރުގައި މި މައްސަލަތައް ވަނީ ވަކި ހިސާބަކުން ހުއްޓާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން