ފަސް ރަށެއްގައި އައިސް ޕްލާންޓް ގާއިމުކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ.

މާލީ ވުޒާރާއިން މިއަދު ކުރި އިއުލާނެއްގައި ބުނީ މިއީ ސައުދީ ފަންޑުގެ އެހީގައި ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއެއް ކަމަށެވެ.

އެގޮތުން އައިސް ޕްލާންޓް ގާއިމުކުރަން ނިންމާފައި ވަނީ ހއ. ދިއްދުއާއި އއ. ރަސްދުއާއި ގދ. ރަތަފަންދުއާއި ހއ.އިހަވަންދު އާއި ށ. ކޮމަންޑޫގައި ކަމަށް ވުޒާރާއިން ބުނެއެވެ.

އެއީ ކޮންމެ ރަށެއްގައި 30 ޓަނުގެ އައިސް ޕްލާންޓެއް ކަމަށް ވެސް ވުޒާރާއިން ބުނެއެވެ.

މާލީ ވުޒާރާއިން ބުނީ އެ މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ބިޑިންގ (އެން.ސީ.ބީ) އުސޫލުގެ މަތިން، ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް ގެ 'ގައިޑްލައިން ފޯ ޕްރޮކިއުމަންޓް އޮފް ގުޑްސް އެންޑް ކޮންޓްރެކްޓިންގ ފޯ ދަ އެގްޒިކިއުޝަން އޮފް ވަރކްސް' އާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

އެކަމާ ގުޅޭ ބީލަން ހުޅުވުން އަންނަ އޮކްޓޫބަރު މަހު 20 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ކަމަށް ވުޒާރާއިން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން