ސަރުކާރުގެ ފަރާތުން މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަރބަން ޑިވެލޮޕްމަންޓްގެ ބިލަކީ ރައްޔިތުންގެ އަތުން ބާރުތައް ނަގައި ސަރުކާރަށް ޖަމާކުރުމަށް އެކުލަވާލައި ހުށަހަޅާފައިވާ ބިލެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ވިލިނގިލި ދާއިރާގެ މެންބަރު އާޒިމް ޢަބްދުލްޢަޒީޒު ހުށަހަޅުއްވާފައިވާ އެ ބިލާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އިއްޔެގެ މަޖިލީހުގެ ޖަލްސާގައި އަޙްމަދު ދީދީ ވިދާޅުވީ، މި ބިލުގެ މައިގަނޑު މަގުސަދެއްގެ ގޮތުގައި ފާހަގަ ކުރެވެނީ އެޓޯލްސް މިނިސްޓްރީގެ ދަށުން ކުރިން ހިންގި ރީޖަނަލް އޮފީސްތައް ގޮތަށް އޮފީސްތަކެއް ހަދައި ރައްޔިތުންގެ އަތުން ބާރުވެރިކަން ނެގުންކަމަށެވެ.

އޭގެ އިތުރުން ބިލުގައި ބައެއް ރަށްރަށް އަރބަން ސެންޓަރުގެ ގޮތުގައި ތަރައްގީ ކުރުމަށް އެ ނަން ދޭން ހުށަހަޅާފައިވާތީ، ރާއްޖޭގެ ރަށްތައް އުފެދިފައި އޮންނަގޮތުން އެ ރަށްރަށަށް ސިޓީ ނުވަތަ އަރބަން ސެންޓަރުގެ ނަމުން ނަން ދިނުމަކީ ރަށްރަށުގެ ތަރައްގީއަށް ހުރަސް އެޅޭނެ ކަމެއްގެ ގޮތުގައި ފާހަގަ ކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ.

ޚާއްޞަކޮށް އެކަމުގެ ސަބަބުން އެތަންތަނަށް ފަތުރުވެރިން އަންނަން ބޭނުންމެއް ނުވާނެ ކަމަށާއި އަރބަން ސެންޓަރު ނުވަތަ ސިޓީއޭ ކިޔުމުން ފަތުރުވެރިންނަށް ދޭހަވާނީ އެއީ ވަރަށް ކާރޫބާރު ބޮޑުތަންތަން ގޮތުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

އަޙްމަދު ދީދީ ވިދާޅުވީ މި ސަރުކާރަކީ އެޓޯލްސް މިނިސްޓްރީއެއް ހަދައިގެން އުޅޭ ސަރުކާރެއް ކަމަށާއި ފެނިގެންދަނީ އެޓޯލްސް މިނިސްޓްރީއެއް ހެދުމަށްފަހު އިތުރު މޭޔަރުންތަކެއް ލައިގެން ގައުމު ހިންގަން އުޅޭތަން ކަމަށެވެ.

މެންބަރު ދީދީ މިހެން ވިދާޅުވިއިރު ރާއްޖޭގެ 7 ސަރަހައްދެއް އަރބަން ސެންޓަރުގެ ގޮތުގައި ވަސީލަތްތަކާއެކު ތަރައްގީ ކުރުމަކީ މި ސަރުކާރުގެ މެނިފެސްޓޯގައި ހިމެނިފައިވާ އެންމެ މުހިންމު އެއް މަސައްކަތެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން