ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމް މަގާމުން ވަކި ކުރުން އިދިކޮޅު އެމްޑީޕީން ކުށްވެރިކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ޕީޖީ ޝަމީމް ވަކިކުރަން ނިއްމުމާއި ގުޅިގެން ވަކިކުރުމަށް ނިންމުމާ ގުޅިގެން، އެ ކަން ތަޅުމުން ފާސްކުރަން މިރޭ ޖަލްސާ ފެށުމާއެކު ޝަމީމް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. ނަމަވެސް އިސްތިއުފާ ސިޓީ ރައީސް އޮފީހަށް ނުލިބޭކަމަށް ބުނެ މަޖިލީހުން މިރޭ ވަނީ ޕީޖީ ޝަމީމް މަގާމުން ވަކިކުރަން ފާސްކޮށްފައެވެ.

ޝަމީމް މަގާމުން ވަކި ކުރުމަށް ސަރުކާރުން ނިންމި ނިންމުން ކުށްވެރިކޮށް އެމްޑީޕީން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ކުރިއަށް ދިޔަ ބައްދަލުވުމަކީ މަޖިލީހުގެ ގަވާއިދާ ޚިލާފަށް ކުރިއަށް ގެންދިޔަ ބައްދަލުވުމެއް ކަމަށެވެ.

އެގޮތުން މަޖިލިސް ގަވާއިދު ބަޔާންކުރާ ގޮތުން، މަޖިލީހުގެ ކޮމިޓީއަކުން އެ ކޮމިޓީއެއްގެ ބައްދަލުވުމެއް ސިއްރު ބައްދަލުވުމެއްގެ ގޮތުގައި ނިންމޭނީ އެ ގަވާއިދުގައި ބަޔާންކުރާ ސަބަބުތަކުންކުރެ ސަބަބަކަށް އެ ބައްދުލުވުމެއް ފެތޭ ނަމަކަން، ބަޔާނުގައި ބުނެފައިވެއެވެ.

އެހެން ނަމަވެސް، އެ ކޮމިޓީގެ ބައްދަލުވުން ސިއްރު ކުރުމަށް ކޮމިޓީގެ މުގައްރިރު ނިންމެވީ މަޖިލީހުގެ ގަވާއިދުގެ 46 ވަނަ މާއްދާގައި ކޮމިޓީއެއް ސިއްރުކުރެވޭނެ ކަމަށް ބަޔާންކޮށްފައިވާ އެއްވެސް ސަބަބެއް މެދުވެރިވެފައި ނުވަނީސް ކަމަށާއި، ޕީޖީ ވަކިކުރަށް ޖުޑިޝަރީ ކޮމިޓީން ނިންމި ރިޕޯޓުން ވެސް އެ ކޮމިޓީގެ ބައްދަލުވުން ސިއްރުކުރަން ނިންމި ސަބަބެއް އެނގެން ނެތްކަން އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. އެހެން ނަމަވެސް ކުއްލި ގޮތަކަށް ޖުޑިޝަރީ ކޮމިޓީގެ އެ ބައްދަލުވުން ސިއްރުކުރުމަށް މަޖިލީހުގެ ގަވާއިދާ ޚިލާފަށް އެ ކޮމިޓީން ނިންމި ނިންމުމަކީ ޑިމޮކްރެޓިކް ހަމަތަކާ ޚިލާފަށް، އަދި ޑިއު ޕްރޮސަސްއަށް ޖާގަނުދީ، ބަންދު ކޮޓަރިއެއްގައި އަވަސް އަރުވާލައިގެން ނިންމާފާއިވާ ނިންމުމެއް ކަމަށް އެމްޑީޕީންވަނީ ތުހުމަތުކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުން، މިފަދައިން، އިޖުރާއީ އަދުލުވެރިކަމަށް ޖާގަނުދީ، މިނިވަން މުއައްސާތަކުގައި ތިއްބެވި ބޭފުޅުން ވަކިކުރަމުން ގެންދާ ކަމަށްބުނެ، އެމްޑީޕީން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެމްޑީޕީން ބުނީ ޕީޕީއެމް ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުން ޕްރޮސެކިއުޓާ ޖެނަރަލްގެ ޝަމީމު ކުއްލިގޮތަކަށް ވަކިކުރުމަކީ ގާނޫނު އަސާސީއާއި ދިމާ އިދިކޮޅަށް ކޮށްފައިވާ ކަމެއް ކަމަށެވެ. އަދި މަޖިލީހުގެ ގަވާއިދާ ވެސް ޚިލާފަށް ކޮށްފައިވާ މަސައްކަތެއް ކަމަށް އެމްޑީޕީން ބުނެފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން