2026 ވަނަ އަހަރު ޖަޕާނުގައި ބާއްވަން ހަމަޖެހިފައިވާ އޭޝިއަން ގޭމްސްގެ ފިރިހެން ސަރފިންގައި ދެކުނު އޭޝިއާއަށް ލިބޭ ޖާގަ ރާއްޖެއަށް ކަށަވަރުވެއްޖެއެވެ.

ކ. ތުލުސްދޫގައި މިހާރު ކުރިއަށްދާ އޭޝިއަން ސަރފިން ޗެމްޕިއަންޝިޕް 2024 ގެ މެންސް އޯޕަން ބައިގެ ކުއާޓާ ފައިނަލް ހީޓު އެކެއްގައި މިއަދު ރާއްޖޭގެ ހޫދު އަޙްމަދު ވާދަކޮށް، ނެރުނު ނަތީޖާއާ ގުޅިގެން މި ޖާގަ ރާއްޖެއަށް ވަނީ ކަށަވަރު ވެފައެވެ.

މިއަދުގެ ހީޓުގައި ތިންވަނައަށް ހޫދު ދިޔައިރު، އޭނާ ވަނީ 9.10 ސްކޯ ކޮށްފައެވެ. އެއާއެކު އޭޝިއަން ގޭމްސްއިން ދެކުނު އޭޝިއާ ސަރަހައްދުގެ ޖާގަ ރާއްޖެއަށް ވަނީ ކަށަވަރުވެފައެވެ. އަދި ކުއާޓާ ފައިނަލުގައި ދެކުނު އޭޝިއާ ސަރަހައްދުން ވާދަކޮށްފައިވަނީ ހޫދުގެ އިތުރުން އިންޑިއާގެ އެތުލީޓެކެވެ. އެގޮތުން ހީޓު ދޭއްގައި ވާދަކުރި އިންޑިއާގެ ހަރިޝް މުތޫވެސް ތިންވަނައަށް ދިޔައިރު، އޭނާއަށް ސްކޯ ކުރެވުނީ 6.76 އެވެ. މީގެ އިތުރުން މެންސް އޯޕަން ބައިގެ ހަތަރުވަނަ ބުރުގައި ރާއްޖޭގެ ހަތަރު އެތުލީޓެއް ވާދަކުރިއިރު، އިންޑިއާއިން އެ ބުރުގައި ވާދަކޮށްފައިވަނީ ދެ އެތުލީޓުންނެވެ.

މިއަދު ރާއްޖެއިން ހޯދި ނަތީޖާތަކާއެކު ރޭންކިންގައި ރާއްޖެއަށް ވަނީ ދެކުނު އޭޝިއާ ސަރަހައްދުގެ އެއްވަނަވެސް ލިބިފައެވެ. އަދި މި ވަގުތު ރާއްޖެ އޮތީ އޭޝިއާ ބައްރުގެ ހަތަރުވަނައިގައެވެ.

މިއަދު އޭޝިއަން ގޭމްސްގެ ފިރިހެން ސަރފިން އިވެންޓުގައި ވާދަކުރުމުގެ ފުރުސަތު ރާއްޖެއަށް ލިބުނުއިރު، އިއްޔެ ރާއްޖެއަށް ވަނީ ސަރފިން އަންހެން ޑިވިޝަނުގައި ވާދަކުރުމުގެ ފުރުސަތުވެސް ލިބިފައެވެ.

މޯލްޑިވްސް ސަރފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން މައުލޫމާތުދޭ ގޮތުން 2026 ވަނަ އަހަރުގެ ގޭމްސްގައި ވާދަކުރާނެ އެތުލީޓުން ކަނޑައަޅާނީ އެ އެސޯސިއޭޝަނުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން