ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅައިފައި އޮތް އާބަން ޑިވެލޮޕްމަންޓުގެ ބިލަކީ ލާމަރުކަޒީ ނިޒާމަށް "ހިޔަނި އެޅޭ" ފަދަ ބިލެއް ކަމަށް ބުނެ އެ ބިލް އިސްލާހުކުރަން ދަ ޑިމޮކްރެޓްސްއިން ގޮވާލައިފިއެވެ.

އާބަން ޑިވެލޮޕްމަންޓުގެ ބިލާމެދު އާންމުން ދެކޭ ގޮތް ހޯދުމަށް އާންމުންގެ ޚިޔާލަށް ވެސް މިހާރު ވަނީ ހުޅުވާލާފައެވެެ. އެބިލާ މެދު ހުރި ކަންބޮޑުވުންތައް ފާހަގަކޮށް ޑިމޮކްރެޓްސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ބިލު މިހާރު އޮތް ގޮތުން، އާބަން ސަރަހައްދުތައް ކަމަށް ކަނޑައަޅާ ސަރަހައްދުތައް ޕްލޭންކުރުމުގައި ކައުންސިލްތަކުގެ ބާރު އެއްވެޒް ވަރަކަށް ނެތް ކަމަށެވެ.

އެގޮތަށް އެ ބިލު މަޖިލީހުން ފާސްވެއްޖެނަމަ ގާނޫނުއަސާސީ ތަސައްވަރުކުރާ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ހަމަ، އާބަން ސެންޓަރުތައް ކަމަށް ކަނޑައެޅޭ ސަރަހައްދުތަކަށް އެކީ ނެތިދާނެތީ ކަންބޮޑުވާ ކަމަށް އެބަޔާނުގައިވެއެވެ.

ޑިމޮކްރެޓްސްއިން ނެރުނު ބަޔާނުގައި، ގުޅީފަޅާއި ގިރާވަރުފަޅާއި ފުށިދިއްގަރުފަޅު ހިއްކައި، އާބަން ސެންޓަރުތަކެއް ތަރައްގީކުރަން "ފައި ނަގާ" އިރު އެ ސަރަހައްދުތައް ޕްލޭންކޮށް ތަރައްގީކުރަން ނިންމައިފައި އޮތީ ހުޅުމާލެ ޕްލޭންކޮށް ތަރައްގީކުރި ގޮތާ ޚިލާފަށް ކަން ފާހަގަކޮށްފައި ވެއެވެ.

އަދި، އެ ކަން ހިންގަން ވާނީ ގާނޫނުއަސާސީގައި ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަންވާނެ ކަމަށް ބަޔާންކުރާ ލާމަރުކަޒީ އުސޫލުންކަމަށް އެ ޕާޓީއިން ދެކޭ ކަމަށް ޑިމޮކްރެޓްސްއިން ބުނެއެވެ. ލާމަރުކަޒީ ނިޒާމުގެ ބޭރުން، ޑިމޮކްރެޓިކް ކޮންޓްރޯލް ނެތި ހޯދޭނެ އާބަން ނުވަތަ އެހެން އެ ފަދަ ތަރައްގީއެއް ވެސް ނެތްކަން އިންސާނީ ތަޖުރިބާ ދައްކާ ކަމަށް އެޕާޓީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އެޕާޓީން ވަނީ ލާމަރުކަޒީ ނިޒާމަށް "ހިޔަނި އެޅޭހެން" ލޯކަލް ކައުންސިލްތަކުގެ ބާރު ގެއްލޭހެން އާބަން ޑިވެލޮޕްމަންޓް ބިލުގައި ހުރި ކަންކަން ބަދަލުކުރުމަށް ސަރުކާރަށް ގޮވަލާފައެވެ. އެގޮތުން އެ ކަމަށް ފުޅާ ދާއިރާއެއްގައި، ކައުންސިލްތައް ހިމެނޭހެން މަޝްވަރާކޮށް، ކައުންސިލްތަކުގެ ބާރުއެކީ ކަނޑުވާލާނެ ފަދަ ގޮތަކަށް މިހާރު މި ބިލުގައި ހުރި ކަންކަން ބަދަލުކުރުމަށް ވެސް އެޕާޓީން ގޮވާލާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން