މިސަރުކާރަކީ އިސްލާމްދީނަށް ނަސްރުދޭނެ ސަރުކާރެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިރޭ ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން ފެށުމަށް ރޭ އިސްލާމީ މަރުކަޒުގައި އޮތް ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ މި ސަރުކާރަކީ އިސްލާމްދީނަށް ނަޞްރުދޭނެ ސަރުކާރެއް ކަމަށެވެެ. އެގޮތުން މިހާރު ރާއްޖޭގައި އޮތީ ދީނުގެ ޚިދުމަތް ފުޅާކުރުމަށް ވަރަށް އަގުހުރި ފުރުސަތެއް ލިބިފައި ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އިސްލާމް ދީނުގެ ޚިދުމަތް ދެމެހެއްޓުމަށް އެ މިނިސްޓްރީން ކުރަންޖެހޭ ކޮންމެ މަސައްކަތެއްގައި ސާބިތުވެ ދެމިތިބޭނެ ކަމަށެވެ. އެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފުރިހަމައަށް ދެއްވަމުންގެންދަވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.

އަދި މިދިޔަ ނުވަ މަސް ދުވަހުގެ ތެރޭގައި ދީނުގެ ކަންކަން ހަރުދަނާ ކުރުމަށް ވަރަށް ގިނަ އިރުޝާދުތައް އެމަނިކުފާނު ދެއްވަވާފައިވާ ކަމަށް ޝަހީމް ވިދާޅުވިއެވެ. މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރަމުން ގެންދާ ކަންތައްތަކާ ޙާޞިލްކުރަމުން ގެންދާ އެންމެހާ ކާމިޔާބީތަކުގެ ފަހަތުގައި ހުންނެވި އެންމެ ބޮޑު ހިއްސާދާރަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުކަމަށެވެ.

މީގެ އިތުރުން މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. ޝަހީމް ވިދާޅުވީ ވުޒާރާއިން މިހާރު ކުރިއަށް ގެންދާ ގިނަ ކަންކަމުގައި އެންމެ މުހިއްމު ބަޔަކީ ދީނީ ޢިލްމުވެރިންކަމަށެވެ. އެކަންކަމުގައި ޢިލްމުވެރިންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ދީނީ ޢިލްމުވެރިންނަށް ޝަހީމު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އެހެންކަމުން ޢިލްމުވެރީން ސަރުކާރަށް މިހާރު ވެސް ދެމުން ގެންދާ އެހީތެރިކަމާއި އެއްބާރުލުން އެ ގޮތުގައި ދިނުމަށް ޝަހީމް ވަނީ އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން