ސަރުކާރުން ބޭންކް އޮފް މޯލްޑިވިސް (ބީއެމްއެލް) އަށް ނުފޫޒު ފޯރުވުމަށް ކުރާ މަސައްކަތް ވަގުތުން ހުއްޓާލުމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ގޮވާލައްވައިފިއެވެ.

ފައްޔާޒު މިކަމަށް ގޮވާލެއްވީ، ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ އައިޝަތު ނޫރައްދީން އެ ބޭންކުގެ ބޯޑުން ވަކިކުރުމާއި ގުޅިގެންނެެވެ.

އެކަމަށް އިޝާރަތް ކުރައްވައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ، ރާއްޖޭގެ މާލީ ނިޒާމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ސަރުކާރުން ބޭންކް އޮފް މޯލްޑިވްސްއަށް ނުފޫޒު ފޯރުވުން ވަގުތުން ހުއްޓާލަންޖެހޭ ކަމަށެވެ.

"ޚާއްޞަކޮށް ޤައުމު އިޤްތިޞާދީ ހީނަރުކަމެއްގެ ތެރެއަށް ވަދެފައިވާ ދަނޑިވަޅެއްގައި، އާއިޝަތު ނޫރައްދީން ފަދަ ތަޖުރިބާކާރު ބޭންކަރެއް ބޭންކުގެ ބޯޑުން ވަކިކުރުމަކީ ބުއްދި ސަލާމަތުން ކުރެވޭނެ ކަމެއް ނޫނެވެ." ފައްޔާޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.

ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް ވިދާޅުވީ، ބީއެމްއެލްއަކީ ނިޒާމީ ބޭންކަކަށްވެފައި، އިޤްތިޞާދުގެ މުހިންމު ބައެއްކަމުން، ބޭންކަށް މިނިވަންކަމާއެކު މަސައްކަތްކުރެވޭގޮތް ވުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ރާއްޖޭގައި ހުރި ހަމަ އެކަނި ކޮރަސްޕޮންޑަންޓް ބޭންކު - ބީއެމްއެލް އަށް ސަރުކާރުގެ ނުފޫޒް ފޯރާ ނަމަ އެކަމުގެ ސަބަބުން ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ތެރޭގައި ރާއްޖޭގެ މާލީ ނިޒާމާމެދު ނޭދެވޭ ނަޒަރަކުން ބެލުމަށް މަގުފަހިވާނެކަން ކަށަވަރު ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒަށް ރައްދު ދެއްވައި މިސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ ސައީދު ވިދާޅުވީ، 100 އަހަރާއި ނުބައްދަލު ދަރަނި ނަގައި، އަޑި ނޭނގޭ ފުންމިނަށް އިޤްތިޞާދު ވައްޓައިލި 5 އަހަރުގެ މިނިސްޓަރު އެވާހަކަ ދެއްކުން ލަދުވެތި ކަމަށެވެ. އަދި މުޅިނިޒާމު އެފުށް މިފުށަށް ޖަހައި، ގައުމުގެ މާލިއްޔަތު އަނދަވަޅަކަށް ވައްޓާލާފައިވަނީ އެމްޑީޕީން ކަމަށް ސަޢީދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން