ކަންކަން ދާއިމަށް ނޯންނާނެކަމަށް ވިދާޅުވެ ކުރިން ދެއްކެވި ވާހަކަތަކަކީ ކުރީގެ ވެރިންނަށް ދެއްވި މެސެޖެއް ކަމަށް ނާއިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ނާއިބު ރައީސް އިއްޔެ އެކްސްގައި ވިދާޅުވީ ކޮންމެ ކަމަކީވެސް ވަގުތު ކަނޑައެޅިގެންވާ ކަމެއް ކަމަށާއި އެއީ ދުނިޔޭގެ އާދަ ކަމަށެވެ.

ހަމަ އެހެންމެ އެ ލިބުނު ވަގުތަށް އިޙްތިރާމުކޮށް ޝުކުރުވެރި ވުމުން ލިބޭ ގަދަރާއި، އުފާވެރިކަން މާ ރަނގަޅު ކަމަށާއި އެއްވެސް ކަމަކީ ދާއިމަށް ތިމާގެ ހައްޤެއް ކަމަށް ނުދެކުމަށް ނާއިބް ރައީސް އިލްތިމާސް ކުރައްވާފައި ވެއެވެ.

އެ ޕޯސްޓަކީ ވަކި ބޭފުޅަކަށް ހާއްސަކޮށް ދެއްވި މެސެޖެއް ކަމަށް ގިނަ ބަޔަކު ދިޔައީ ބުނަމުން ނެވެ.

އެގޮތަށް ވާހަކަތައް ދެކެވެނިކޮށް ހުދު ނާއިބު ރައީސް ވަނީ އެ މެސެޖުގެ އަސްލު މާނަ ނުވަތަ ރައްދުވާ ފަރާތް ހާމަކޮށްދެއްވައިފަ އެވެ.

ނާއިބު ރައީސް ވިދާޅުވީ އެ މެސެޖަކީ ކުރިން ވެރިކަން ކުރެއްވި ބޭފުޅުންނާއި ދައުލަތުގެ އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅުންނަށް އަމާޒުކޮށް ދެއްވި މެސެޖެއް ކަމަށެވެ.

އަދި ދައުލަތުގެ ވެރިންނާއި، އިސް މަގާމުތައް ފުރުއްވާ ބޭފުޅުންނަކީ ވަކި މުއްދަތަކަށް މަސްއޫލިއްޔަތު އަދާކުރަން ޖެހޭ ބޭފުޅުން ކަމަށް ވެސް ނާއިބު ރައީސް ވިދާޅުވި އެވެ.

"އެ މުއްދަތު ހަމަވުމުން އެކަމަށް އިހުތިރާމު ނުކުރުމަކީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުޑަކޮށް، އެ ނިންމުމަށް ގޮންޖެހުން ކަމުގައި ގަބޫލުކުރުން. އެ ފަދަ ބޭފުޅުން ކުރިއަށް އޮތް ތަނުގައި ވެސް ޒިންމާދާރުކަމާއެކު ސަރުކާރު ޖަވާބުދާރީކޮށް، ރައްޔިތުންގެ ލޯތްބާއި އިހުތިރާމް ލިބޭ ގޮތަށް މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް އުއްމީދުކުރަން." ނާއިބު ރައީސް ވިދާޅުވި އެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން