ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޑޮލަރު މުއާމަލާތްތަކަށް ގެނައި ބަދަލަކީ އިތުރު ގޮތެއް ނެތިގެން ސަރުކާރުން އެޅި ފިޔަވަޅެއް ކަމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގް މިއަދު ވިދާޅުވެއްޖެއެވެ.

ބީއެމްއެލް ކާޑު ތަކުން ޑޮލަރުގެ މުއާމަލާތް ނުކުރެވޭ ގޮތަށް މިއަދު ކުއްލިއަކަށް ގެނައި ބަދަލުތަކާ ގުޅިގެން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގް "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބީއެމްއެލުން ޑޮލަރު މުއާމަލާތްތައް ވަގުތީގޮތުން މެދުކަނޑާލީ ބޭންކަށް ޑޮލަރު ނުލިބޭތީ ކަމަށާއި ނުލިބޭ އެއްޗެއް ދެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.

އެގޮތުން ބޭންކަށް ޑޮލަރު ގަންނަނީ މަރުކަޒީ ބޭންކުންކަން ފާހަގަކުރައްވަމުން އަޒާން ވިދާޅުވީ މަރުކަޒީ ބޭންކަށް ލިބޭ ޑޮލަރުުން ބޭރުގެ ދަރަނި ދެއްކުމާއި، ރާއްޖެއަށް ބޭނުންވާ ތެޔޮގަތުމުގެ އިތުރުން ބޭންކުތަކަށް ޑޮލަރު ދޫކުރަންޖެހޭ ކަމަށެވެ.

އެގޮތުން އޯގަސްޓު އަދި ސެޕްޓެމްބަރު މަހަކީ ރެކޯޑު އަދަދަކަށް ބޭރުގެ ދަރަނި އަދާކުރަންޖެހޭ 2 މަސްކަމަށްވާއިރު އަޒާން ވިދާޅުވީ ޑޮލަރުގެ ތާށިކަން ބޮޑުވި އެއް ސަބަބަކީ އެއީ ކަމަށެވެ. ލިމިޓެޑް އަދަދަކަށް ރިޒާވްގައި ޑޮލަރުހުރި އިރު، އެންމެ ބޮޑު އިސްކަމެއް ދެނީ ދަރަނި އަދާކުރުމަށާ ތެލަށް ފައިސާ ދެއްކުމަށްކަމަށް އަޒާން ވިދާޅުވިއެވެ. މީގެއިތުރުން ރާއްޖެއަށް ބޭނުންވާ އަސާސީ އެހެނިހެން ތަކެތި އެތެރެކުރުމަށް ވިޔަފާރިތަކަށް ޑޮލަރު ދޫކުރަނީވެސް ބޭންކުތަކުންކަމަށް އަޒާން ވިދާޅުވިއެވެ.

މީގެ އިތުރުން އަޒާން ވިދާޅުވީ ޑޮލަރުގެ ތާށިކަން މިހާ ބޮޑުއިރު މިހާރު ޑޮލަރު ބޭނުން ކުރަންޖެހޭނީ އެންމެ މުހިންމު ކަންތައްތަކަށް އިސްކަންދީގެން ކަމަށެވެ. އަދި މިއަހަރުގެ ނޮވެމްބަރުން ފަށައިގެން ޑޮލަރުގެ ރިޒާވް ރަނގަޅުވާން ފަށާނެ ކަމަށާއި މިހާލަތުން އަރައިގަނެ ޑޮލަރު މުއާމަލާތް ސަސްޕެންޑު ކުރެވިފައި އޮތް އޮތުން ނިމުމަކަށް އަންނާނެކަމަށް ބެލެވޭ ކަމަށް އަޒާން ވިދާޅުވިއެވެ.

ބީއެމްއެލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ބޭންކުން މި ބަދަލު ގެނެސްފައިވަނީ ކާޑުން ކުރެވޭ ބޭރުގެ މުއާމަލާތްތަކުގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދިޔަ ނަމަވެސް ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާގެ އަދަދު އެއް މިންވަރެއްގައި ހިފެހެއްޓިފައިވާތީ ކަމަށެވެެ. އެހެންކަމުން މިއަދުން ފެށިގެން އަލަށް ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާނަމަ ރާއްޖޭން ބޭރުގެ މުއާމަލާތްކުރުމަށް އެއްވެސް އަދަދެއް ނުލިބޭނެ ކަމަށް ވެސް ބީއެމްއެލް ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. ބޭންކުން ވަނީ މިހާރު ދޫކޮށްފައިވާ ސްޓޭންޑަޑް އަދި ގޯލްޑް ކްރެޑިޓް ކާޑުތަކުން މަހެއްގެ މައްޗަށް ކުރެވޭ ރާއްޖޭން ބޭރުގެ މުއާމަލާތްތައް 100 ޑޮލަރަށް ދަށްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން