ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ މާލީ މައްސަލަތަކުގެ އަސްލަކީ ލިބޭނެ ކަމަށް ލަފާކުރާ ފައިސާއަށް ބަރޯސާވެގެން ކަންތައްތައް ކުރަން އުޅުން ކަމަށް ކުރީގެ މާލީ ވަޒީރު އިބްރާހީމް އަމީރު ތުހުމަތުކުރަށްވައިފިއެެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކުރީގެ މާލީ ވަޒީރު އިބްރާހީމް އަމީރު ވިދާޅުވީ، ދައުލަތުގެ ބަޖެޓަށް އެއްވެސް ފައިސާއެއް މި ސަރުކާރަށް މިހާތަނަށް ހޯދިފައި ނުވާ ކަމަށެެވެ. އަމީރު ވިދާޅުވީ ގައުމުގެ މާލީ ހާލަތު ރަނގަޅު ކުރުމަށް އިޤްތިޞާދީ އިސްލާހީ ފިޔަވަޅުތައް އެޅުން މިހާރު ވެސް ލަސްވެފައިވާ ކަމަށެވެ. އެގޮތުން އިޤްތިޞާދީ ހާލަތު ރަނގަޅުކުރަން އަޅަން ނިންމައި މިދިޔަ މަހު ތަންފީޒު ކުރަން ފެށުމަށް ބަޖެޓުގައި ހިމަނާފައިވާ ފިޔަވަޅުތައް މި ސަރުކާރުން އަޅާފައި ނުވާކަން އަމީރު ވަނީ ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވީ އެ ފިޔަވަޅުތައް އެޅުން ލަސްވާނަމަ ބަޖެޓު ޑެފިސިޓު ބޮޑުވާނެ ކަމަށެެވެ.

"އޭގެ އިތުރުން ލިބޭނެ ކަމަށް އަންދާޒާކުރާ 16 ބިލިޔަން ރުފިޔާއަކަށް އަޅުގަނޑުމެންގެ މި ގައުމުުގެ ކަންކަން އެއްކޮށް، ބަރޯސާވާން ދޫކޮށްލީމާ ވާނީ މިގޮތް" އަމީރު ވިދާޅުވި އެވެ.

މީގެ އިތުރުން އެމްޑީޕީގެ ވެރިކަން ނިމުނު އިރު މާލީ އިސްލާހީ ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަން ފާހަގަކުރައްވަމުން އަމީރު ވިދާޅުވީ، އޭރު ޓާގެޓު ކުރީ ޖީޑީޕީގެ ނިސްބަތުން 6 އިންސައްތަ އިތުރުކޮށް ރިފޯމު ގެނައުމަށް ކަމަށެވެ. އޭގެ ތެރޭގައި އާމްދަނީ އިތުރު ކުރުމާއި ޚަރަދުތައް ކުޑަކުރުން ހިމެނޭ ކަމަށް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ ކުރީގެ ސަރުކާރުގައި އާމްދަނީގެ ގޮތުގައި 3 ބިލިއަން ރުފިޔާ ހޯދުމަށް އަމާޒު ހިފި ކަމަށާއި ޓެކްސް ރޭޓަށް މިދިޔަ އަހަރު ގެނައި ބަދަލާ އެކު އެމަސައްކަތް އޭރު ފަށާފައިވާ ކަމަށެވެ. އަދި ޚަރަދުން 3 ބިލިއަން ރުފިޔާ ކުޑަކުރަން މަސައްކަތްތަކެއް ފަށާފައިވާއިރު ބަލްކު ޕްރޮކިއޯމެންޓުގެ ގޮތުގައި ބޭސް ގެންނަން މިދިޔަ އަހަރުގެ ޖޫން މަހު އެއްބަސްވުން އެކުލަވާލައި އެ މަސައްކަތް ފެށިކަން އަމީރު ފާހަގަކުރެއްވިއެވެ.

އަމީރު ވިދާޅުވީ އެމްޑީޕީ ސަރުކާރު ނިމުނުއިރު، ޚަރަދު ކުޑަކުރާނެ ގޮތުގެ ޕްލޭން ނިމިފައިވާކަމަށެވެ. އަމީރު ވިދާޅުވީ ކުރީގެ ސަރުކާރުގައި މެދު ރާސްތާގެ އާމްދަނީ އާ ގުޅޭ ސްޓްރެޓެޖީއެއްގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ފިސްކަލް ރިޕޯމު ޕްލޭނުގެ ތެރެއިން ބަޖެޓުގައި އާ ސަބްސިޑީގެ ނިޒާމެއް ގެނައުމަށް ނިންމާފައިވާނެ ކަމަށެވެެ.

އޭގެ އިތުރުން އާސަންދަ ރިފޯމްކުރުމާއި ސަރުކާރުގެ ކުންފުނިތައް އިސްލާހުކުރުމާއި ތެލުގެ އަގަށް އަންނަ ބަދަލާ އެކު އަންނަ ރިސްކުތައް މިޓިގޭޓްކުރުމަށް ބަޖެޓުގެ ތެރެއިން ރާވާފައިވާނެ ކަމަށް އަމީރު ވިދާޅުވިއެވެ.

ގައުމުގެ މާލީ ހާލަތު ރަނގަޅުކުރުމަށް އެމްޑީޕީން ފަށާފައިވާ މަސައްކަތްތައް މި ސަރުކާރުން ތަންފީޒު ކުރަންޖެހޭ ކަމަށް ވިދާޅުވެ އެ ސިޔާސަތުތައް ތަންފީޒު ކުރުމަށް އަމީރު ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން