ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ބައެެއް ގާނޫނުތަކަށް އިސްލާހު ގެންނަން ސަރުކާރުން ނިންމައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ، ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ބައެއް ގާނޫނުތަކަށް އިސްލާހު ގެންނަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އެމަސައްކަތް ކުރިއަށް އޮތް ދެހަފުތާ ތެރޭގައި ފަށާނެ ކަމަށް އުޝާމް ވިދާޅުވިއެވެ.

ބަންޑާރަ ނައިބު ވިދާޅުވީ ޑޮލަރުގެ މައްސަލަ ހައްލުކުރަން ޕެންޝަނާއި ބެހޭ ގާނޫނާއި އިންކަމް ޓެކްސް ގާނޫނަށް އިސްލާހު ގެންނަން ނިންމާފައިވާ ކަމަށެވެ. އަދި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ބަލައިގަންނަ އާމްދަނީ އިތުރުކުރުމަށް އެ އޮތޯރިޓީއާއެކު މަސައްކަތްކުރާނެ ކަމަށް އުޝާމް ވިދާޅުވިއެވެ. އޭގެ އިތުރުން މީރާގެ ގަވާއިދުތަކަށް ބަދަލެއް ގެންނަންޖެހޭނަމަ އެކަމެއް ސަރުކާރުން ކުރާނެ ކަމަށް އުޝާމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ ބޭރު ފައިސާގެ ދަތިކަން ހައްލުކުރުމަށް މަރުކަޒީ ބޭންކު، އެމްއެމްއޭ އާއެކު ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ.

"ޚާއްސަކޮށް މިހާރު ރާއްޖެއަށް ދިމާވެފައި އޮތް ޑޮލަރުގެ ދަތިކަން ހައްލުކުރުމަށްޓަކައި ބައެއް ކަހަލަ ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތަކާއި ގުޅޭގޮތުން މަޝްވަރާކޮށް ގޮތްތަކެއް މިހާރު ނިމިފައިވަނީ، ކުރިއަށް މިއޮތް ދެތިން ހަފުތާ ތެރޭގައި އަޅުގަނޑުމެން ބައެއް ގާނޫނުތަކަށް އިސްލާހު ގެނެސް ޑޮލަރުގެ ދަތިކަމަށް އިތުރު ހަައްލެއް ގެނައުމަށް މަސައްކަތްތަކެއް ކުރާނަން،" ބަންޑާރަ ނައިބް ވިދާޅުވިއެވެ.

ޑޮލަރު ލިބުމުގައި ދަތިކަން ހުރި ކަމަށް ބުނެ ބީއެމްއެލުން މިއަދު ވަނީ ރުފިޔާ ކާޑުތަކަށް ޑޮލަރު ދިނުން އެއްކޮށް ހުއްޓާލަން ނިންމައިފައެވެ. އެ ނިންމުމާއެކު އާންމުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުބް ދިއުމާއެކު ސަރުކާރަށް ޕްރެޝަރު ބޮޑުވެ އެނިންމުން މިހާރު ވަނީ ބަދަލުކޮށްފައެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން