ބެންކުތަކަށް ޑޮލަރު ދޫކުރުމުގައި ދެން އިސްކަންދޭނީ ރައްޔިތުންނާ ގުޅުންހުރި ކަންކަމަށް ރިއާޔަތްކުރާ ބެންކުތަކަށް ކަމަށް މަރުކަޒީ ބެންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

ބީއެމްއެލްއިން ރުފިޔާ އެކައުންޓްތަކުން ބޭރުގެ ޑޮލަރުގެ މުއާމަލާތްތަކަށް ފައިސާ ނުދެއްކޭގޮތް މިއަދު ހެދުމާއި ގުޅިގެން އެމްއެމްއޭއިން ވަނީ އެ ނިންމުން ބަދަލުކުރަން ބެންކަށް އަންގާފައެވެ.

އެކަމުގެ ތަފުސީލު ހާމަކުރަމުން އެމްއެމްއޭއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ބީއެމްއެލްގެ ކާޑުގެ ޕޭމަންޓް މެނޭޖްކުރުމުގައި ގޮންޖެހުންތަކެއް ހުރިނަމަވެސް މާލީ ގޮތުން އެ ބެންކު އޮތީ ވަރަށް ރަނގަޅު ހާލަތެއްގައިކަމަށާއި ބީއެމްއެލްގެ ކާޑުތަކުން ރާއްޖެއިން ބޭރު މުއާމަލާތްތައް މެނޭޖްކުރުމަށް ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މައުލޫމާތު ހޯދައި އެކަންކަމަށް ހައްލު ހޯދުމުގެ ގޮތުން އެކި ފަހަރުމަތިން ބީއެމްއެލްއާއެކު މަޝްވަރާ ކޮށްފައިވާކަމަށެވެ.

ކޮވިޑް 19ގެ އާލަމީ ވަބާއަށް ފަހު އެކިއެކި ބޭނުންތަކަށް ބޭރުގެ ފައިސާއިން ކުރާ ކާޑުގެ މުއާމަލާތްތަކުގެ މިންވަރު ވަރަށް ބޮޑުތަނުން އިތުރުވެފައިވާކަން ބީއެމްއެލުން ފާހަގަކޮށްފައިވާކަމަށާއި އެގޮތުން، ފައިސާ ޗާޕްކުރުމުގެ ސަބަބުން ބޭންކިން ނިޒާމުގައި ރުފިޔާގެ ސަރޕްލަސް ލިކުއިޑިޓީ އިތުރުވުމަކީ ކާޑުގެ މުއާމަލާތް އިތުރުވި ސަބަބެއް ކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.

އެމްއެމްއޭއިން ބުނީ ފާއިތުވި ޖުލައި މަސް ނިމުނު އިރު ބޭންކިން ނިޒާމުގައި ސަރޕްލަސް ލިކުއިޑިޓީ ހުރީ އެވްރެޖްކޮށް 6.7 ބިލިއަން ރުފިޔާގައި ކަމަށެވެ. މީގެ ތެރެއިން ބޮޑު ބައެއް ހިއްސާ ކުރަނީ ބީއެމްއެލް ކަމަށާއި ސަރޕްލަސް ލިކުއިޑިޓީގެ ބޮޑުބައެއް ޕާސަނަލް ލޯނުގެ ގޮތުގައި ބޭންކުތަކުން ދޫކޮށްފައިވާކަންވެސް އެމްއެމްއޭއިން ފާހަގަ ކޮށްފައިވެއެވެ.

ބޭންކިން ނިޒާމުގެ ތެރެއިން ދޫކޮށްފައިވާ ޕާސަނަލް ލޯނުގެ މިންވަރު 2019 ވަނަ އަހަރު ނިމުނު ހުރީ 2.9 ބިލިއަން ރުފިޔާގައިކަން ފާހަގަކޮށް އެމްއެމްއޭއިން ބުނީ މިއަދަދު މިއަހަރުގެ ޖޫން މަސް ނިމުނުއިރު ހުރީ 6.6 ބިލިއަން ރުފިޔާގައި ކަމަށެވެ.

އެމްއެމްއޭއިން ބުނީ ބޭންކުތަކަށް ޑޮލަރު ދޫކުރާ މިންވަރު އަހަރުން އަހަރަށް ވަނީ އިތުރުކޮށްފައި ކަމަށާއި އެގޮތުން 2022 ވަނަ އަހަރު ނިމުނު އިރު ބޭންކުތަކަށް 267 މިލިއަން ޑޮލަރު ވިއްކާފައިވާއިރު މިދިޔަ އަހަރު ނިމުނުއިރު އެ އަދަދު 307 މިލިއަނަށް އިތުރުވެފައިވާކަން އެމްއެމްއޭއިން ފާހަގަކުރެއެވެ.

މިއަހަރުވެސް އެ އަދަދު އިތުރުކޮށްފައިވާއިރު މީގެ ތެރެއިންވެސް ބޮޑު ބައެއް ދޫކޮށްފައި ވަނީ ބީއެމްއެލްއަށެވެ.

ބީއެމްއެލްގެ އިތުރުން ރުފިޔާ ޑެބިޓް ކާޑުން ޑޮލަރުގެ މުއާމަލާތްކުރެވޭ ގޮތަށް ބައެއް އެހެން ބޭންކުތަކުންވެސް ކުރިއަށް ގެންދާކަން ފާހަގަކޮށް އެމްއެމްއޭއިން ބުނީ ކުރިއަށް އޮތްތަނުގައި އެމްއެމްއޭއިން ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ ނިސްބަތް ކަނޑައެޅުމުގައި ރައްޔިތުންނާ ގުޅުންހުރި ކަންކަމަށް ރިއާޔަތްކުރާ ބޭންކުތަކަށް އިސްކަންދެވޭނެ ކަމަށެވެ.

​އެމްއެމްއޭއިން މިހެން ބުނެފައިވާއިރު ކުރިން އެންގުމަކާނުލާ މިއަދު ނިންމި ފަދަ އާންމުންނަށް ދަތިވާ ބޮޑު ނިންމުމެއް ބެންކުން ނިންމީތީ ގިނަބަޔަކު ދަނީ އެކަމަށް ފާޑުވެސް ކިޔަމުންނެވެ. އަދި ބީއެމްއެލްއަކީ އެއްވެސް އިރެއްގައި ރައްޔިތުންގެ ލާބަޔަށް ކަންކަން ފަހިކޮށްދޭ ބެންކެއް ނޫންކަމަށް ވެސް ދަނީ ބުނަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން