މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)އިން އެވިޑް ކޮލެޖާ ދެކޮޅަށް އެޅި ފިޔަވަޅުތައް އުވާލައިފި އެވެ.

އެވިޑް ކޮލެޖުގައި ހިންގަމުން އަންނަ ގިނަ ޕްރޮގްރާމްތަކެއްގެ ޝަކުވާ ލިބި އެ ކޮލެޖުގައި ކިޔަވައިދެއްވާ ލެކްޗަރަރ އިންނަށް މުސާރަ ނުދިނުމުގެ ޝަކުވާ އާއި، ދަރިވަރުންގެ އިމްތިޚާން ކަރުދާސްތައް ބައެއް ލެކްޗަރަރއިން މާރކް ނުކުރުމުގެ ސަބަބުން ޕްރޮގްރާމްގެ މުއްދަތު އިތުރުވެ، އެ މުއްދަތަށް ދަރިވަރުން އިތުރަށް ފައިސާ ދައްކަން ޖެހިފައިވާކަމަށް ބުނެ އެމްކިއުއޭއިން އެވިޑަށް ފިޔަވަޅު އެޅީ މިދިޔަ މަހު ފަހުކޮޅު އެވެ.

އެ މައްސަލައާ ގުޅިގެން ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑާ ހިލާފަށް އަދި ޕްރޮގްރާމް އެކްރެޑިޓޭޝަނާ ހިލާފަށް ހިންގާ ކަންކަން ރަނގަޅު ކުރުމަށް އަންގައި އިތުރު ޕްރޮގްރާމަކަށް އެކްރެޑިޓޭޝަނާއި ހިންގުމުގެ ހުއްދަ ދޫނުކުރަން އެމްކިއުއޭއިން އޮތީ ނިންމައިފަ އެވެ.

ނަމަވެސް މިއަދު އެމްކިއުއޭއިން ކުރި އިއުލާނެއްގައި ބުނީ އެ މައްސަލައާ ގުޅިގެން އެވިޑް ކޮލެޖާއި އެމްކިއުއޭއާއެކު މި މަހުގެ 18 ވަނަ ދުވަހު ބައްދަލުވުމެއް ބޭއްވި ކަމަށެވެ.

އަދި އެ ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންތައްތަކަށް ރިޢާޔަތްކޮށް، މިދިޔަ ބުރާސްފަތި ދުވަހު އެމްކިއުއޭގެ ޓީމެއް އެވިޑް ކޮލެޖަށް ޒިޔާރަތް ކުރި ކަމަށްވެސް ބުނެފައި ވެއެވެ.

އެގޮތުން ކުރިން ފާހަގަކުރެވުނު ކަންކަން ބެލުމަށް ފަހު އެކަންކަން ރަނގަޅުކޮށްފައިވާތީ އެވިޑް ކޮލެޖަށް އެޅި ފިޔަވަޅުތައް މިހާރު އުވާލައިފައިވާ ކަމަށް އެމްކިއުއޭއިން ވަނީ ބުނެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން