ރާއްޖޭން ބޭރު ފައިސާ ލިބޭ މީހުން ބޭންކަށް ޑޮލަރު މާރުކުރަން މަޖުބޫރުކުރަން ގާނޫނަށް ގެންނަންޖެހޭ ބަދަލު ގެންނަންވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެެ.

ޕީއެންސީގެ ހަރުގޭގައި މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އެމްއެމްއޭގެ ރެގިއުލޭޝަނަށް ބަދަލުގެނައުމަށް ސަރުކާރުން ނިންމާފައި ވާކަމަށެވެ. އެގޮތުން އެމްއެމްއޭގެ މަނިޓަރީ ރެގިއުލޭޝަނާއި މަނީ ޗޭންޖަސް ރެގިއުލޭޝަނަށް ބަދަލު ގެނަސް ގާނޫނަށް ބައެއް ބަދަލުތައް ގެންނަވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތައް ރާއްޖޭގައި ހިންގަމުން ގެންދާ ކަމަށެވެ. ސަރުކާރުން ގާނޫނަށް ގެންނަ ބަދަލުތަކާއިއެކު ބްލެކް މާކެޓުގައި ޑޮލަރު މާރުކުރާ މާރުކުރުން ނިމުމަކަށް އަންނާނެ ކަމަށާއި އޭގެ ސަބަބުން ވިޔަފާރިތަކުން ބޭންކަށް ޑޮލަރު މާރުކުރަން މަޖުބޫރު ވެގެންދާނެކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ ރާއްޖެއަށް އަންނަ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓުތަކުގެ ނަފާ ރާއްޖޭގެ ބޭންކުތަކުގައި ހިފެހެއްޓުމަށް ހިތްވަރު ލިބޭ ގޮތަށް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓު އަދި ބިޒްނަސް ޕްރޮފިޓް ޓެކްސްގެ ރެގިއުލޭޝަނަށް ވެސް ބަދަލު ގެންނަވާނެ ކަމަށެވެ.

އަދި އޭގެ ސަބަބުން، ރާއްޖޭގައި ޑޮލަރު ހިފެހެއްޓުމަށް ހިތްވަރު ދެވި، ރާއްޖޭގައި ގިނަ ދުވަސް ވަންދެން ޑޮލަރު ހިފެހެއްޓި ރާއްޖެއަށް ފައިދާވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އޭރުން ޑޮލަރު މާރުކުރާ ތަންތަން ވެސް ހުންނާނީ ބޭންކާ ގުޅިފައި ކަމަށްވާތީ ބޭންކުތަކުން އެތަންތަން ގާތުން ބަލަމުން ދާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތައް ދައްކާ ޓެކްސް ވެސް ޑޮލަރުން ދައްކާގޮތަށް އުސޫލު ބަދަލުކޮށް އެ ވިޔަފާރިތަކުން އިމްޕޯޓުކުރާ ތަކެއްޗަށް ދައްކަންޖެހޭ އިމްޕޯޓު ޑިއުޓީ ވެސް ޑޮލަރުން ދައްކާގޮތަށް ބަދަލުކުރާނެ ކަމަށެވެ.

އަދި ޑޮލަރުން މުސާރަދޭ ތަންތަނުގައި މަސައްކަތްކުރާ ދިވެހިންނަށް ދޭންޖެހޭ މުސާރަ ދިނުމަށްފަހު ފެންޝަން ވެސް ޑޮލަރުން ދޭންޖެހޭގޮތަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން