ޑްރަގް ކޯޓުގެ ޝަރީއަތް ކުރާ މާލަމުގެ ތެރެއިން ވައްކަން ކޮށްފައިވާ ކަމަށް އެ ކޯޓުން ބުނެފިއެވެ.

މީޑިޔާއަށް މައުލޫމާތު ދެމުން ޑްރަގް ކޯޓުން ބުނީ އެ ކޯޓަށް އަނެއްކާވެސް ވަގަކު ވަދެ ވައްކަންކޮށްފައިވާ ކަމަށާއި އޭނާ ކޯޓަށް ވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ.

މިމައްސަލައާއި ގުޅޭގޮތުން މައުލޫމާތު ދެމުން ޑްރަގް ކޯޓުން ބުނީ އެ ކޯޓަށް ވަދެފައި ވަނީ އެންމެ މީހެއް ކަމަށް ބެލެވޭ ކަމަށާއި އޭނާ ކޯޓު ތެރެއަށް ވަނީ ކޯޓާ އިންވެގެން ހުންނަ ގެތަކާ ކޯޓާ ދެމެދު އޮންނަ ގޯޅިއަށް ހުރި ކޯޓުގެ ޝަރީއަތް ކުރާ މާލަމެއްގެ ކުޑަދޮރު ހަލާކުކޮށްލައިގެން ކަމަށެވެ.

ވައްކަން ކުރި މީހާ ވަނީ ޝަރީއަތް ކުރާ މާލަމުގެ ތެރެއިން ކޯޓުގެ އެހެން ބައިތަކަށް ވަދެ، ތަޅުލާފައިވާ ބައެއް ކަބަޑުތައް ފަޅާލައި ކޯޓުގެ ރެކްރިއޭޝަން ކްލަބުގެ ބައެއް ފައިސާ ވަގަށް ނަގާފައި ކަމަށް ކޯޓުން ބުނެއެވެ.

ޑްރަގް ކޯޓުން ބުނީ މި މައްސަލައާ ގުޅިގެން ފުލުހުންގެ ޓީމެއް ކޯޓު ބަލައި ފާސްކޮށް، ތަހުގީގުކުރަމުންދާ ކަމަށެވެ.

2022 ވަނަ އަހަރުވެސް މީހަކު ވަނީ ޑްރަގް ކޯޓުގެ ކުޑަދޮރެއް ފަޅާލައި ކޯޓުން ވައްކަން ކޮށްފައި ކަމަށް އެ ކޯޓުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން